ރައްޔިތުންގެ މަޖިލީހުގެ ސުލޫކީ މިންގަނޑާއި ޚިލާފުވާ މެމްބަރުން ސަސްޕެންޑުކުރުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިންމާފައިވަނީ މެމްބަރަކު މަޖިލީހުގެ ޤަވާއިދުގައި ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެ ނަމަ ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާއާއި ކޮމިޓީތަކުގެ ބައްދަލުވުންތަކުގައި ބައިވެރިނުވެވޭ ގޮތަށް ނިންމުމަށެވެ. އެގޮތަށް މަޖިލީހުގެ ޤަވާއިދު ބަދަލުކޮށް މިއަދު ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި 64 މެމްބަރުންގެ އިއްތިފާޤުންނެވެ.
އެ ޤަވާއިދުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑުތަކާއި ޚިލާފުވެއްޖެނަމަ އަޅާނެ އާ ފިޔަވަޅުތަކެއް ވަނީ ހިމަނާފައެވެ. ސުލޫކީ މިންގަނޑާއި ޚިލާފުވުން މާނަކޮށްފައިވަނީ ރާއްޖޭގެ އެއްވެސް ޤާނޫނަކާއި ޤަވާއިދަކާ އަދި ސުލޫކީ މިންގަނޑުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ކަމަކާ ޚިލާފުވުމުންކަމަށް ވާއިރު، އެއިން ކަމަކާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނާފައިވަނީ:
- މެންބަރަކު ކުރި އަމަލެއް ކުށްވެރިކޮށް، އެކަމާ ގުޅޭ ގޮތުން ރަސްމީ ލިޔުމެއް އެ މެންބަރަށް ފޮނުވައި އެ ލިޔުމުގެ ކޮޕީއެއް މަޖިލީހުގެ އެހެން މެންބަރުންނަށް ފޮނުވުން.
- އެ މެންބަރަކު ކުރީ މަޖިލީހުގެ ގަދަރަށް އުނިކަން ލިބޭ ކަމެއްކަން ބަޔާންކޮށް އެކަން ކުށްވެރިކޮށް މަޖިލީހުގެ ތަޅުމުގައި އެކަން އިއުލާނުކޮށް އެކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވުން.
- ވަކި އަދަދަކަށް މަޖިލީހުގެ ޖަލްސާ އާއި ކޮމެޓީތަކުގެ ބައްދަލުވުމުގައި ބައިވެރިވުން މަހުރޫމް ކުރުން.
- މަޖިލީހުގެ ރަސްމީ ދަތުރުތަކާއި އެކި ކަންކަމުގައި މަޖިލީހުން ފޮނުވާ ވަފުދުތަކުގައި ބައިވެރިވުން ވަކި މުއްދަތަކަށް މަހްރޫމްކުރުން.
- މެންބަރަކު މަޖިލީހުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދީފި ނަމަ، އެ ދިން ގެއްލުމުގެ ބަދަލު އެ މެންބަރުންގެ މުސާރައިން އުނިކުރުން.
މެމްބަރުންގެ ސުލޫކީ މިންގަނޑުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ކުރުން ހުއްދަ ނޫން ކަންކަންވެސް އިތުރުކޮށް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ރިޔާސަތާ ދިމާލަށް ނުވަތަ އެހެން މެންބަރަކާ ދިމާލަށް ރުޅިވެރިކަމާ އެކު ހަޑިހުތުރު ބަހުން މުހާތަބުކުރުން.
- މެންބަރެއްގެ ގާތަށް ނުވަތަ މަޖިލީހުގެ މުވައްޒަފެއްގެ ގާތަށް ރުޅިވެރިކަމާ އެކު ދިއުން ނުވަތަ މެންބަރެއްގެ ގައިގައި ނުވަތަ މަޖިލީހުގެ މުވައްޒަފެއްގެ ގައިގައި ރުޅިވެރިކަމާ އެކު އަތްލުން.
- ރިޔާސަތާ ދިމާލަށް ނުވަޔަ ވަކި މެންބަރަކާ ދިމާއަށް ނުވަތަ އިދާރީ މޭޒާ ދިމާލަށް ރުޅިވެރިކަމާ އެކު އެއްޗެއް އެއްލުން.
ނަމަވެސް ވަކި މައްސަލަތަކެއްގެ ވޯޓު ނެގުމަށް ކަނޑައަޅާފައިވާ ޖަލްސާއެއްގައި ނުވަތަ ކޮމިޓީ ބައްދަލުވުމެއްގައި އެ މެމްބަރުންނަށް ބައިވެރިވެވޭނެ މައްސަލަތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރައީސް މަޤާމުން ވަކިކުރުމާއި، ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައާއި، ފަނޑިޔާރުންގެ މިނިވަން މުސްތަޤިއްލު މުއައްސަސާތަކުގެ މެމްބަރުންނާއި މިނިވަން މުސްތަޤިއްލު މަޤާމުތަކުގައި ތިބޭ މީހުން މަޤާމުން ވަކިކުރުމުގެ މައްސަލައިގައި ސަސްޕެންޝަނުގައި ތިބޭ މެމްބަރުންނަށް ބައިވެރިވެވޭނެ ގޮތަށް ވަނީ ނިންމާފައެވެ.



