އއ. ތޮއްޑޫ ދޮން މޫނިމާގެ، ޢަލީ ރަޢީފް އަކީ އޯޓިޒަމްގެ އެންމެ މަތީ ލެވަލް ހުންނަ ކުއްޖެއްކަމަށް ޢާއިލާއިން ވަނީ މަޢުލޫމާތުދީފައެވެ. ނަމަވެސް އެކަން ތަޖުރިބާކުރުމުންވެސް އޭނާ ވަނީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ރަޢީފްގެ މި މަސައްކަތް ފާހަގަކުރުމަށްޓަކައި އޭނާއާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުކުރެއްވުމުގެ ފޮޓޯތައް ޙިއްސާކުރައްވާ މީޑިއާތަކަށް ފޮނުއްވި މެސެޖުގައި ޝަހީމް ވިދާޅުވީ ރަޢީފް ޤުރުއާން ހިތުދަސްކުރަން ފަށާފައިވަނީ 500 ހާފިޒުންގެ ޕްރޮގްރާމްގައި ކަމަށެވެ. 9 އަހަރުން ޤުރުއާން ދަސްކޮށް ނިންމާ، މި އަހަރުގެ ފެބްރުއަރީގައި އެއްވެސް ކުށެއް ނުޖެހި 14 ދުވަހުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހާފިޒުން އިމްތިހާނު ކޮމިޓީއަށް ހިތުން ކިޔައިދީ، ފާސްވެ އެއްވަނަ ދަރަޖައިގައި ހާފިޒްކަމުގެ ސަނަދު އޭނާ ހޯދާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރަޢީފް ޤުރުއާން ހިތުދަސްކޮށްފައިވަނީ ވަޒީފާއެއްގައިވެސް އުޅެމުން ކަމަށެވެ.
ޝަހީމް ވަނީ މިފަދަ ކުދިން އޯޓިސްޓިކް ކުދިންގެ ގޮތުގައި މުޖުތަމަޢުން ލޭބަލް ކުރަނީ ކީއްވެ ކަމާ މެދު ސުވާލު އުފައްދަވާފައެވެ. ރަޢީފްގެ ފަރާތުން އެއްވެސް ޢައިބެއް ފާހަގަވެފައި ނުވާކަމަށާއި ކީރިތި ޤުރުއާނުގެ ސަބަބުން އޭނާގެ ސުލޫކަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން ރަޢީފް އަކީ ވަރަށް އަދަބުވެރި އަޚުލާޤު ރަނގަޅު ކުއްޖެއްކަން ފާހަގަވިކަމަށާއި މިއީ ﷲ ދެއްވާ ނިޢުމަތެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރަޢީފް އާއި އޭނާގެ މައިންބަފައިންނާ މިއަދު ބައްދަލުކޮށް ހިތްވަރު ދީފައިވާ ކަމަށެވެ. އަދި ރައީފް އެންމެ ބޭނުންވަނީ އުމްރާ ދަތުރެއް ކަމަށާއި އިސްލާމިކް މިނިސްޓްރީން އޭނާގެ އެ އުންމީދު ޙާސިލްކޮށްދޭނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.



