ސަރުކާރުގެ މިހާރުގެ އަމާޒަކީ ފަރުވާގެ ނިޒާމަށް ރަނގަޅު ބަދަލުތަކެއް މި އަހަރު ތެރޭގައި ގެނައުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެ ނައިބު ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ލުބުނާ ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާ ހަރުދަނާ ކުރުމަށް ވޭތުވެދިޔަ 13 ވަރަކަށް އަހަރު އެކަށީގެންވާ ޚަރަދުތަކެއް ކުރެވިފައި ނުވާ ކަމަށާއި، ސަރުކާރުގެ މިހާރުގެ އަމާޒަކީ ފަރުވާގެ ނިޒާމަށް ރަނގަޅު ބަދަލުތަކެއް މި އަހަރުތެރޭގައި ގެނައުން ކަމަށެވެ.
ލުބުނާ ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ހާފްވޭ ހައުސްގެ ޚިދުމަތް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ތަނުގައި އައުޓް ޕޭޝަންޓް ޚިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ލުބުނާ ވިދާޅުވިއެވެ.
ލުބުނާ ވިދާޅުވީ މި ޚިދުމަތް ތައާރަފްކުރުމުގެ އަމާޒަކީ އާއިލާ ކައިރީގައި ތިބެގެން ވަކި ގަޑިތަކެއްގައި ގޮސް ބޭނުންވާ ފަރުވާ ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމްކުރުން ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



