ސަރުކާރުން ރާވާފައިވާ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ސެޕްޓެމްބަރުގެ ނިޔަލަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ”ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ވީއައިއޭ ތަރައްގީކުރާ ބިޔަ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ގެންގޮސްދޭނެފަދަ މަޝްރޫއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި އެ މަޝްރޫއަށް ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ.

އެގޮތުން ވަކި މުއްދަތެއްގައި ނިންމުމަށް 2015 ގައި ފެށި އެ މަޝްރޫއު ދިގުލައިގެންދިޔަ ދިއުމަށް އިޝާރާތް ކުރެއްވި އެވެ.

މިހާރު އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދަނީ، މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ކޮންޓްރެކްޓަރާ މަޝްވަރާކޮށް، މަސައްކަތް އަވަހަށް ނިންމުމަށް ރާވައިގެން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ މިއަހަރުގެ ޕީކް ސީޒަނަށް އާ ޓާމިނަލްގެ މަސައްކަތް ނިންމައި، އޮޕަރޭޝަނަށް ގެނައުމެވެ.

”އިރާދަކުރެއްވިއްޔާ ސެޕްޓެމްބަރަށް ނިންމޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،“ މިނިސްޓަރު ވިދާޅުވި އެވެ.

”މިހާރު ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ފްލައިޓަށް ޓާމިނަލުން ލިންކްވާ ބްރިޖުތަކާ އެއްޗެހި ވެސް ފެންނަން ފަށާފައި އެ ހުރީ. އަނެއްކާ ފަސާޑާއި އެތެރޭގެ މަސައްކަތްތައް އެދަނީ ބާރު ސްޕީޑުގައި ނިމެމުން.“

ކާގޯ ޓާމިނަލްގެ މަސައްކަތް ނިންމައި، އެ ތަން އޮޕަރޭޝަނަށް ގެނެސްފައިވާއިރު، މިނިސްޓަރު ވިދާޅުވީ ފިއުލް ފާމުގެ މަސައްކަތް ވެސް މިހާރު އޮތީ ނިންމާ ހުޅުވުމާ ހިސާބުގައި ކަމަށެވެ.