ފަލަސްޠީނުގެ މައްސަލައަކީ އަޤީދާ އާބެހޭ މައްސަލައެކެވެ. އެއީ އިއްޔެއަކު މިއަދަކު އުފެދިގެން އުޅޭ މައްސަލައެއް ނޫނެވެ. ފަލަސްޠީނު ގެ މައްސަލައަށް ބަލާއިރު ބައިތުލްމަޤްދިޝަކީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. ކުރިސްޓިއަނުން ދެކޭގޮތުގައި ސަލާމުލެއްވި ޢީސާ ޢަލަަހިއްސަލާމު އުފަންވެވަޑައިގަތީ ވެސް ބައިތުލްމަޤުދިސަށެވެ. އެއީ މުސްލިމުން ގެ ވެސް ޤަބޫލުކުރުމެވެ. އަދި ކުރިސްޓިޔަނުން ގެ ވެސް ޤަބޫލުކުރުމެވެ.
ޔަހޫދީން ބައިތުލްމަޤުދިސް ގައި ހައިކަލު ސުލައިމާނު ބިނާކުރެރެވުނުކަމަށް ދަޢްވާކުރެއެވެ. ހައިކަލު ސުލައިމާނު ފުރަތަމަ ބިނާކުރެއްވީ ޚަޟްރަތު ދާއޫދު ޢަލައިހިއްސަލާމް އެވެ. ނަމަވެސް ހައިކަލު ނުނިމެނީސް ދާއޫދު ޢަލައިހިއްސަލާމު އަވަހާރަވުމުން އެކަލޭގެ ފާނުގެ ދަރިކަލުން ސުލައިމާނު ޢަލައިހިއްސަލާމު ޖިންނީންގެ އެހީތެރިކަމާއެކު ހައިކަލު ބިނާކޮށް ފުރިހަމަ ކުރެއްވިއެވެ. ހައިކަލު ސުލައިމާނު އެއްކޮށް ނައްތާ ލާފައިވަނީ ، ރަސްގެފާނު " ޓައިޓަން " ބައިތުލްމަޤުދިސަށް (ޖެރޫސަލަމު) އަށް ހަމަލާ ދިން ދުވަސްވަރުގައެވެ. ހައިކަލު ސުލައިމާނު ނައްތާލި ނަމަވެސް މިހާތަނަށް ހައިކަލު ސުލައިމާނުގެ އެއްފާރު އެހުރި ގޮތަށް އަޞްލާއެއްގޮތަށް އެބަހުއްޓެވެ. އެފާރަށް ބުރާޤުފާރު އޭވެސް ، އަދި ކެރިއަރ އޭވެސް ޔަހޫދީން ކިޔާއުޅެއެވެ. ޔަހޫދީން މިހާރު ވެސް އަޅުކަންކުރަމުން އަންނަނީ އެފާރުކައިރީގައެވެ. ޔަހޫދީން ދެކެނީ އެފާރުކައިރީގައި ހުރެ ކޮށްފި ދުޢާއެއް ވަގުތުން ﷲ تعالى އިޖާބަކުރައްވާނެކަމަށެވެ. ހައިކަލު ސުލައިމާނު ނައްތާލި އިރު ތާބޫތު ސަކީނާ ވަނީ ، ގެއްލިފައެވެ. އެއީ ސަލާމު ލެއްވި އާދަމު ޢަލައިހިއްސަލާމަށް ﷲ މިންވަރު ކޮށްދެއްވި ފޮއްޓެކެވެ. އެފޮށި އެކި ނަބީބޭކަލުންގެ އަތްޕުޅުމަތިން އައިސްފައިވެއެވެ. އެއީ ޔަހޫދީން ނުހަނު ގަދަރުކުރަމުން އައިފޮއްޓެކެވެ. ބައިތުލްމަޤުދިސަށް މަސްޖިދުލް އަޤްޞާ ކިޔުނީ محمد صلى ألله عليه وسلم އިސްރާ އާއި މިޢްރާޖަށް އަރައި ވަޑައިގަތުމަށް ފަހުގައެވެ.
ބައިތުލްމަޤުދިސް ފުރަތަމަ ބިނާކުރެއްވީ ޚަޟްރަތު އާދަމު ޢަލައިހިއްސަލާމު އެވެ. އެއަށް ފަހު ޚަޟްރަތު އިބްރާހީމް ޢަލައިހިއްސަލާމުއެވެ. ޚަޟްރަތު ޢުމަރު ރަޟިޔަ ﷲ ގެ ޒަމާނުގައި ޔަހޫދީން ވެސް ޖަރޫސަލަމުގައި އަޅުކަންކުރުމަށް ތަނެއް ހެދިއެވެ. އެގޮތުން ޔަހޫދީންނާއި މުސްލިމުން އެކުގައި އުޅެމުން ދަނިކޮށް ޚަޟްރަތު މޫސާ ޢަލައިހިއްސަލާމުގެ ދައުރުގައި ﷲ ގެ ޢަމުރުފުޅަށް ޔަހޫދީން މިޞްރަށް ގެނެވުނެވެ. އެހެން ނަމަވެސް ފިރުޢައުނު ގެ އުދަގޫތައް މޫސާ ޢަލައިހިއްސަލާމުގެ ދައުރުގައި ކުރިމަތިވުމުން ޔަހޫދީން އެނބުރި އަލުން ބައިތުލްމަޤުދިސަށް މިހާރުގެ ޖެރޫސަލަމަށް ދިޔައެވެ. އެވަގުތު ޔަހޫދީންނަށް ﷲ ގެ ޚަޟްރަތުން ގިނަގުނަ ނިޢްމަތްތަކެއް މިންވަރު ކޮށްދެއްވިއެވެ. އެގޮތުން މަންނަ އާއި ސަލްވާ އަދި ދެމިގެންދާ ފެންކޯރުތައް މިންވަރުކޮށް ދެއްވިއެވެ. އެއަށް ފަހު ﷲ އަށް އީމާންވުމަށް ޢަމުރުކުރެއްވިއެވެ.

މިވާހަކަތައް ބަޤަރާ ސޫރަތުގައި އައިސްފައިވެއެވެ. އިސްރާއީލުގެ ފެށުން އައިސްފައިވަނީ ސަލާމުލެއްވި ޔަޢްޤޫބު ޢަލައިހިއްސަލާމު ދަގެ ދަރިކޮޅުން ފެށިގެންނެވެ. އެއަށްފަހު ދާއޫދު ޢަލައިހިއްސަލާމުގެ ދަރިކަލުން ސުލައިމާނު ޢަލައިހިއްސަލާމު އިން ފެށިގެން ޢީސާ ޢަލައިހިއްސަލާމު އާއި ހަމައަށް މުސްލިމުންނާއި ޔަހޫދީން ޞުލްޙަވެރިކަމާއެކު އުޅެމުން އައިސްފައިވެއެވެ. ނަމަވެސް ސަލާމުލެއްވި ޢީސާ ޢަލައިހިއްސަލާމު ވަޑައިގަތުމުން ޢީސާޢަލައިހިއްސަލާމު އަށް ޔަހޫދީން ނުކިޔަމަންތެރިވެ އެކަލޭގެ ފާނު ސަލީބަށް އެރުވުމަށް ޔަހޫދީން އުޅުނު ހިނދު އެކަލޭގެ ފާނު ﷲ ގެ ޙަޟްރަތަށް އުފުއްލެވިއެވެ. އެއަށް ފަހު ޔަހޫދީންނާއި ކްރިސްޓިއަނުންގެ މެދުގައި ހިނގި އަރާރުންތަކަށް ފަހު މާލީ ފައިދާތަކަށްޓަކައި ދެބައި މީހުން ޞުލްޙަވެ އެއްބަސްވުންތައް ހެދިއެވެ.
ޔަހޫދީންގެ ނަޞްލު ވަނީ ، ޙަޟްރަތު އިބްރާހީމް ޢަލައިހިއްސަލާމު އާއި ހަމައިންގުޅިފައެވެ. އިބްރާހީމް ޢަލައިހިއްސަލާމަށް ދެދަރިކަލުން ލިބިވަޑައިގަތެވެ. އެއީ ޚަޟްރަތު އިސްޙާޤު ޢަލައިއްސަލާމު އާއި ޙަޟްރަތު އިސްމާޢީލު ޢަލައިހިއްސަލާމު އެވެ. ޚަޟްރަތު ޔަޢުޤޫބު ޢަލައިހިއްސަލާމު އެއީ ޙަޟްރަތު އިސްޙާޤު ޢަލައިހިއްސަލާމުގެ ދަރިކަލުންނެވެ. އިސްރާއީލު ގެ މާނައަކީ ﷲ ގެ އަޅާއެވެ.
ޔަހޫދީން އީމާވަނީ ، ތައުރާތަށެވެ. ތައުރާތު ބާވައިލެއްވީ ޚަޟްރަތު މޫސާ ޢަލައިހިއްސަލާމަށެވެ. އެހެން ނަމަވެސް ކީރިތި ރަސޫލާ محمد صلى ألله عليه وسلم އަށް قرآنބާވައިލެއްވުމަށް ފަހު ކުރީގެ އުއްމަތްތަކަށް ބާވައިލެއްވި ހުރިހާ ފޮތެއް ﷲ سبحانه وتعالىވަނީ މަންސޫޙުކުރައްވާފައެވެ. ނަމަވެސް ޔަހޫދީން އަދިވެސް ދެމިތިބީ އެމީހުން ގެގޮތުގައެވެ. ޔަހޫދީން ޤަބޫލުކުރަނީ ، ހައިކަލު ސުލައިމާނު ތިންވަނަ ފަހަރަށް ބިނާ ކުރެވި "ތާބޫތު ސަކީނާ " ނުފެންނަނީސް ޤިޔާމަތް ނުވާނެކަމަށެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ، ޔަހޫދީންނާއި މުސްލިމުންގެ މެދުގައި މިހާރު ހިނގާ ލޭއޮހޮރުވުމަކީ އިނގިރޭސިންނާއި އެމެރިކާ އާއި އިޓަލީ އާއި ފްރާންސާއި ޖަރުމަނު ގެ އެއްބާރު ލުމާއެކު (ޚާއްޞަކޮށް އިނގިރޭސިވިލާތާއި އެމެރިކާ) ގެ އެހީތެރިކަމާއި ކަމާއެކު ޔަހޫދީންނަށް ފަލަސްޠީނުގައި ދައުލަތެއް އުފައްދައިދީ ، ދުނިޔޭގެ ކަނކޮޅުތަކުގައި ވިއްސިވިހާލިވެގެން އުޅުނު ޔަހޫދީން ފަލަސްޠީނުގައި ވަޖަންވެރިކުރުވުމަށް ފަހު ހިނގާ ލޭއޮހޮރުވުންތަކެއްކަމަގައެވެ. ފަލަސްޠީނުގެ ތާރީޚަށާއި ފަލަސްޠިނަށް އުފަންވި ހުރިހާ ނަބިއްޔުންގެ ތާރީހަށާއި ނަޞަބަށް ބެލިޔަސް ޝައްކެއްނެތި ޔަޤީންކުރެވެނީ، ފަލަސްޠިނުގެ ބިމަކީ ފެށުނިއްސުރެން ވެސް މުސްލިމުން ގެ ވެރިކަން އޮތް މުސްލިމުންގެ ބާރު ހިނގަމުން އައި ބިމެއްކަމެވެ.
މަޢްލޫމާތު ނެގިފައިވަނީ، ދަ މުސްލިމު ޓީ.ވީ އާއި ބޭރުގެ ޞައްޙަ މަޞްދަރުތަކުންނެވެ.



