ހއ. ދިއްދޫ އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.
އެއާޕޯޓް މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުގެ މަސައްކަތްތައް ފެށުން އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު އެވެ.
އެ އެއްބަސްވުމުގެ ދަށުން އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ އިތުރަށް ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުގެ ދަށުން ދިއްދޫއިން 71.8 ހެކްޓަރުގެ ބިން ހިއްކާނެ އެވެ.
މި ދައުރުގައި 15 އެއާޕޯޓް ތަރައްގީ ކުރުމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގަރާރެއް ނެރުއްވާފަ އެވެ. ދިއްދޫ އެއާޕޯޓްގެ މަސައްކަތަކީ އެ ގަރާރުގައި ހިމެނޭ މަސައްކަތެކެވެ.
އެގޮތުން މިހާތަނަށް ހަ ޑޮމެސްޓިކް އެއާޕޯޓު އެޅުމަށް ވަނީ ހަވާލުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ހއ. ދިއްދޫ
- ށ. ކޮމަންޑޫ
- ށ. ބިލެއްފަހި
- ށ. މިލަންދޫ
- ތ. ވިލުފުށި
- ތ. ގުރައިދޫ








