ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ގޯތި ދޫކުރުމުން ލިބުނު ގެއްލުން ބެލުމަށް އޮޑިޓެއް ހަދަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިފަދައިން ނިންމާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ ހުށަހެޅުއްވި މައްސަލައާ ގުޅިގެންނެވެ. ހަމަދު ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޚާއްސަ އޮޑިޓެއް ހެދުމަށްވެސް ހުށަހަޅާފައެވެ.
ބިންވެރިޔާ ސްކީމާ ގުޅިގެން ހަމަދު ހުށަހަޅުއްވާފައިވަނީ ކުރީ ސަރުކާރުން އެ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ ސަބަބުން ދައުލަތަށް ލިބުނު މާލީ ގެއްލުން ބެލުމަށް އޮޑިޓެއް ހެދުމަށެވެ. އޭގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބަދަލެއް ދޭން ޖެހޭތޯ ބެލުމަށްވެސް ވަނީ ހުށަހަޅުއްވާފައެވެ.
ހަމަދު ވިދާޅުވީ މި އޮޑިޓް ހެދުމުގެ ބޭނުމަކީ އެއްވެސް ފަރާތެއްގެ އަތުން ގޯތި އަތުލުން ނޫން ކަމަށާއި އެއީ ސަރުކާރުތަކުން ސިޔާސީ ބޭނުމަށް އެފަދަ ކަންތައްތައް ކުރަމުން ދާތީ އެކަމުގެ ސަބަބުން ކުންފުނިތަކަށް މާލީ ގޮތުން ލިބޭ ގެއްލުން ބެލުމަށް ކަމަށެވެ. މި އޮޑިޓް ހެދުމަށް ހަމަދު ހުށަހަޅުއްވާފައިވަނީ 2019ގެ މާޗު މަހުން ފެށިގެން އެންމެ ފަހު ދުވަހުގެ ނިޔަލަށެވެ.
ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މި ދެ އޮޑިޓް ހެދުމަށް އޮޑިޓް އޮފީހަށް އެންގުމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ.



