މަގުމަތީގެ ތަރުތީބު ބެލެހެއްޓުމުގައި ފުލުހުންގެ ދައުރު ވަރަށް ބޮޑެވެ. ޤަވާޢިދާއި ޚިލާފަށް އުޅަނދެއް ޕާކުކޮށްފައި ވާނަމަ އޭގައި ސްޓިކާ ޖަހަން ޖެހެއެވެ. އަދި ޓޯވް ކުރަންޖެހޭ ޙާލަތްތަކުގައި ޓޯވް ވެސް ކުރަން ޖެހެއެވެ. ނަމަވެސް ރައްޔިތުންނަށް ލުއިފަސޭހަ ކުރުމަށްޓަކައި ސަރުކާރުން އުޅަނދުތައް ޓޯވް ނުކޮށް ސްޓިކާވެސް ނުޖަހައި ދޫކޮށްލީމާ އޭގެ ނާޖާއިޒް ފައިދާ މިހާރަކަށް އައިސް ގިނަ މީހުން ނަގަން ފަށައިފިއެވެ. އަސްލު ސަބަބަކީ ޤާނޫނު ތަންފީޛު ނުކުރާކަން އެނގޭތީވެ، ބޭނުން ގޮތަކަށް ބޭނުން ތާކު ދުއްވާ އެއްޗެހި ޕާކު ކުރުމަށް ޑްރައިވަރުންނަށް ހިތްވަރު ލިބުމެވެ. މިއީ ޓްރެފިކް ޤާނޫނު "އޮޅާލުމެވެ".

މިކަމުގެ ހުރިހާ ދުއްތުރާލެއް ކުރިމަތިވަނީ ނުކުޅުދޭ ފަރާތްތަކުގެ ވެހިކަލްތައް ޕާކުކުރުމަށާއި، ޕާކުކޮށްފައިވާ ތަނުން އުޅަނދުތައް ބޭރަށް ނެރުމަށެވެ. ކުޑަކުދިން ގޮވައިގެން ހިނގާފައިދާ މާބަނޑު މީހުންނަށް ދުވާރު މައްޗަށް އެރުމަށާއި ފޭބުމަށެވެ. ވިޔަފާރި ހިންގާ ފަރާތްތައް ދައުލަތަށް ޓެކްސް ދައްކާއިރު އެމީހުންގެ ފިހާރަތަކަށް ވަންނަ ކަސްޓަމަރުންނަށްވެސް މިދެނެންވި ގޮތަށް ނުޤަވާޢިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތައް ހުރަސް އަޅައެވެ.
ދިވެހިންނަކީ އިންޗިއެއްހާތަން ދޫދީފި ކަމަށް ވާނަމަ ފޫޓެއްހައިތަން ދަމައިގަންނަ ބަޔެކެވެ. ސަރުކާރުން ޓްރެފިކަށް ދީފައިވާ ލުޔަށް މިއަދު މިވީ މިފަދަ ގޮތެކެވެ. ބޭންކަށް ވަންނަ އުމުރުން ދޮށީ މީހާއަށް ބޭންކަށް ނުވަދެވޭހެން ކުރިމަތީގައި ސައިކަލްތަކާއި ކާރުތައް ޕާކު ކޮށްލުމުން އޭނާއަށް ލިބިދޭންޖެހޭ މިނިވަންކަމާއެކު ހިނގާބިނގާ އުޅުމުގެ ހައްގުންވެސް މަހުރޫމް ވީއެވެ. އެހެންކަމުން، މިފަދަ ކަންތައްތަކުން ރައްޔިތުންނަށް ފައިދާއަށްވުރެ ބޮޑަށް ކުރިމަތިލާން މިޖެހެނީ ދުއްތުރާތަކާއެވެ.
ސަރުކާރުން މަގުމަތީގައި ދުއްވާ މީހުންނަށް ލުއި ދިނަސް އެކަމުގައި ހައްދެއް އޮންނަން ވާނެއެވެ. ލުއި ދިނީމާ އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ ސަބަބުން އިޖުތިމާއީ ކަންބޮޑުވުންތަކެއް އުފެދޭނަމަ އެމައްސަލަ ހައްލުކުރަން އެބަ ޖެހެއެވެ. މަގުމައްޗަކީ ހަމައެކަނި ދުއްވާ އެއްޗެއްސަށް އޮތް ތަނެއް ނޫނެވެ. ސަރުކާރުން ޓްރެފިކަށް ދިން ލުޔެއްގެ ސަބަބުން، އެއީ ވިހައަކަށް ވެއްޖެއެވެ. ގޭދޮރުމަތީގައި ފުންޏަކަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ ސަބަބުން ގެއަށް ވަދެވެނީކީއެއް ނޫނެވެ. މިކަމުގެ އެންމެ ބޮޑު ތަކުލީފަކާއި ކުރިމަތިލާން މިޖެހެނީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކާއި މާބަނޑު އަންހެނުންނެވެ. މި ސަބަބާއިހުރެ، ޓްރެފިކް ޤަވާޢިދަށް ސަރުކާތުން ދިން ލުޔާއިމެދު އަލުން ވިސްނުން ބުއްދިވެރިއެވެ.
މިމައްސަލަ މިގޮތަށް ނަގަން މިޖެހުނު އަސްލު ސަބަބަކީ އެންމެންނަށް ރައްކާތެރިކަން ހޯދުމަށެވެ. އެހެންކަމުން، ޕާކިން ޤަވާޢިދުތަކަށް ޢަމަލުކުރަން ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ.
މި ބޮޑުވަމުން އަންނަ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅަން މުހިންމެވެ. ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވް ކުރަން ޖެހޭއިރު، އޭގެ ވެރިން ޖޫރިމަނާތަކެއް ކުރަން ޖެހެ އެވެ. މިކަން ނުކޮށް ދޫކޮށްލެވޭކަށް ނެތެވެ.
މީގެ އިތުރުން ޕާކިން ޖާގަތައް އިތުރަށް ކަނޑައެޅިފައިވާ ތަންތަން ޤާއިމްކޮށް، ޕާކިން ޤަވާޢިދުތަކަށް ޢަމަލުކުރުމުގެ މުހިންމުކަމާ މެދު ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަކީ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެ ކަމެކެވެ.
އެހެންކަމުން، ޓްރެފިކާއިބެހޭ ޤާނޫނަށް ޢަމަލު ކުރަންވީ ވަގުތު ޖެހިއްޖެ އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޕާކިން ޖާގަތައް ކަށަވަރުވެ، އާންމު ފަރުދުންނަށް އުނދަގުލެއް ނެތި އެމީހުންގެ ގެޔަށް ވަދެވި، މާބަނޑު މީހުންނަށް ހުރަހެއްނެތި މަގުމަތި ބޭނުންކުރެވޭނެއެވެ. ޕާކިން ޤަވާޢިދާއި ޚިލާފުވުމުން ލިބޭ ޖޫރިމަނާތަކުން އިންފްރާސްޓްރަކްޗާ އާއި ޕާކިން ފެސިލިޓީތަކަށް އަލުން އިންވެސްޓްކޮށް އަޅުގަނޑުމެންގެ މަގުތައް ރައްކާތެރި ތަނަކަށް ހެދޭނީ ވެސް އޭރުންނެވެ.



