ދިވެހިރާއްޖެއިން އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) އަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ލަންޑަންގައި ހުންނަ އައިއެމްއޯގެ މައި މަރުކަޒުގައެވެ.
ރާއްޖެއިން އައިއެމްއޯއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރާއްޖެއިން ފްރާންސަށާއި އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ. އިރުތިޝާމް އާދަމްއެވެ. ޑރ. އިރުތިޝާމް މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ އައިއެމްއޯގެ ސެކްރެޓަރީ ޖެނެރަލް އަރސެނިއޯ އަންޓޯނިއޯ ޑޮމިންގޭޒް ވެލަސްކޯއަށެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވި ބައްދަލުވުމުގައި ޑރ. އިރުތިޝާމް ވަނީ ރައީސުލްޖުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދިވެހި ސަރުކާރުގެ ފަރާތުން އައިއެމްއޯގެ އިސްވެރިންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި އައިއެމްއޯއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އެ ޖަމްޢިއްޔާގެ މަސައްކަތްތަކުގައި ރާއްޖެއިން ޢަމަލީގޮތުން ބައިވެރިވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އައިއެމްއޯއަކީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެ މި ޖަމްޢިއްޔާގައި ބައިވެރިވެފައިވަނީ 1967 ވަނަ އަހަރުއެވެ.
ޑރ. އިރުތިޝާމް އާދަމަކީ ދިވެހިރާއްޖެ އައިއެމްއޯގެ މެމްބަރު ޤައުމަކަށްވުމަށްފަހު އެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައެޅި ދެވަނަ މަންދޫބެވެ. މި ރަސްމިއްޔާތުގައި ދާއިމީ މަންދޫބުގެ ނައިބު މުޙައްމަދު އަޙްމަދާއި، އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.



