ފީފާ ކައުންސިލްގެ ބިއުރޯއިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރަން ނިންމައިފި އެވެ. މިއީ އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އާ އެކު ފުރިހަމަ މަޝްވަރާތަކަށް ފަހު ފީފާގެ ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގެ 2 ވަނަ ޕެރެގްރާފްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެކެވެ.
މިގޮތަށް ނިންމީ އެފްއޭއެމްގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންތަކެއް ހިނގަމުންދާކަން ހާމަވުމާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ފީފާއިން ސަސްޕެންޑް ކުރިތާ މާގިނަ ދުވަހެއް ނުވަނީސްކަން ފާހަގަ ކުރެވެއެވެ. އަމިއްލަ ބޭނުންތަކަށް މިލިއަނަކަށް ވުރެ ގިނަ ޑޮލަރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތު ބައްސާމުގެ މައްޗަށް ކުރެއެވެ. މިއީ އެފްއޭއެމްގެ އަބުރު ވަރަށް ބޮޑަށް ގެއްލުނު މައްސަލައެކެވެ.
ފީފާއިން ރާއްޖެއަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރަން ނިންމި ނިންމުމަށް ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ޠޮލާލް މަރުޙަބާ ވިދާޅުވެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އޭނާގެ އެކްސްގައި ލިޔުއްވިއެވެ.

ނޯމަލައިޒޭޝަން ކޮމިޓީއަކީ ކޮބާ؟
ނޯމަލައިޒޭޝަން ކޮމިޓީއަކީ ދިމާވާ ބޮޑު މައްސަލަގަޑެއްގައި ނުވަތަ ކްރައިސިސްއެއްގައި މެމްބަރު ޖަމިއްޔާއެއްގެ ދުވަހުން ދުވަހަށް ކަންކަން ހިންގުމަށް ފީފާއިން ކަނޑައަޅާ ވަގުތީ އިދާރާއެކެވެ. އޭގެ އަސާސީ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިންތިޚާބީ ޤާނޫނު އިޞްލާޙުކޮށް ޤާނޫނުތަކާއި އިންތިޚާބުގެ ޕްރޮސެސްތައް ފީފާގެ ޤަވާޢިދުތަކަށް ތަބާވާކަން ކަށަވަރުކުރާނެއެވެ. އަދި އިޞްލާޙްކޮށްފައިވާ ޤާނޫނުތަކުގެ މައްޗަށް ބިނާކޮށް، މިހާރު އެފްއޭ އަށް ދިމާވެގެންއުޅޭ ރައީސަކު އިންތިޚާބު ކުރުމުގެ މައްސަލަ ހައްލު ކުރުމަށް އިންސާފުވެރި އަދި ހާމަކަން ބޮޑު އިންތިޚާބެއް ބޭއްވުމަށް މަގުފަހިކޮށްދޭނެއެވެ. މީގެ އިތުރުން، ގަވަރނަންސް އަދި ފައިނޭންޝަލް މެނޭޖްމަންޓް ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅައި ތަންފީޒުކުރާނެއެވެ. ފީފާގެ ވެބްސައިޓުގައި ވާގޮތުން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 31 ޖުލައި 2025 ގެ ނިޔަލަށެވެ.
ފީފާގެ ވެބްސައިޓުގައިވާ ލިޔުން ވިދާޅުވުމަށް މިތަނަށް ކްލިކް ކޮށްލައްވާ!
އެފްއޭއެމް އަށް އަންނާނީ ކޮންކަހަލަ ރަނގަޅު ބަދަލެއް؟
ނޯމަލައިޒޭޝަން ކޮމިޓީގެ ސަބަބުން ދިވެހި ފުޓްބޯޅައަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ. މީގެ ތެރޭގައި އެންމެ ޚާއްޞަ ކަމަކަށް ވާނީ އެފްއޭއެމް ހިންގުމުގެ އޮނިގަނޑު އިޞްލާހުވެ، އެފްއޭއަށް ލިބޭ ފައިސާއަށް ކުރިން ދިމާވި މައްސަލަ ދިމާނުވެ، ބައިނަލްއަގްވާމީ ފުޓްބޯޅަ މުޖުތަމަޢުގެ މެދުގައި އެފްއޭއެމްގެ އިތުބާރު އަލުން ހޯދައިދިނުމެވެ.
މުޙައްމަދު ޠޮލާލްގެ ދައުރާއި އެއްބާރުލުން
ނޯމަލައިޒޭޝަންގެ މަރުހަލާގައި ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ޠޮލާލްގެ އެއްބާރުލުން ވަރަށް މުހިންމުވާނެ އެވެ. އޭނާގެ ދައުރުގެ ތެރޭގައި:
1. އިޞްލާހުތައް އޮމާންކަމާއެކު ތަންފީޛުކުރުމަށް ކޮމިޓީއާ ގާތުން މަސައްކަތްކުރުން.
2. އާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޢަމަލުކުރުން ތަންފީޛުކުރުމަށް އެހީތެރިވުން.
3. އެފްއޭއެމްގެ އޮޕަރޭޝަންތަކުގެ ތެރޭގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ޖަވާބުދާރީވުމަށް ވަކާލާތުކުރުން.
ނޯމަލައިޒޭޝަން ޕްރޮސެސްއަކީ ދިވެހި ފުޓްބޯޅައަށް މާޒީގެ ގޮންޖެހުންތަކުން އަރައިގަނެ، ހަރުދަނާ، ހާމަކަން ބޮޑު، އަދި ކާމިޔާބު މުސްތަޤުބަލެއް ބިނާކުރުމުގެ ފުރުޞަތެކެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވި "ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލު" ގެނެވޭނީވެސް އޭރުންނެވެ.
ރާއްޖޭގެ ފުޓްބޯޅަ ހުރިހާ ފެންވަރެއްގައި ތަރައްޤީ ކުރުމަށްއަލުން ފޯކަސް ކޮށް އެ މިސްރާބަށް މަސައްކަތްތައް ކުރެވޭނެއެވެ.



