ކައުންސިލަރުންގެ އަދަދު މަދުކުރުމަކީ ލާމަރުކަޒީ ނިޒާމު ފައްކާ ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅެއް ކަމަށް ގެމަނަފުށި ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަސަދު ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ލާމަރުކަޒީ ނިޒާމަކީ ދައުލަތަށް ބުރަ ބޮޑު ނިޒާމެއް ކަމަށެވެ. އެގޮތުން މާ ގިނަ އަދަދަކަށް ކައުންސިލަރުން ތިބުމާއި ކުރަން ޖެހޭ އެހެނިހެން ހޭދަތައް ބޮޑުވުމުން ދައުލަތަށް ވަރަށް ބޮޑު އަދަދެއްގެ ފައިސާ މި ނިޒާމުގެ ތެރެއިން އިސްރާފުވެގެން ދާކަމަށް އަސަދު ވިދާޅުވިއެވެ.
އަސަދު ވިދާޅުވީ މިހާރު ރާއްޖޭގައި މިއޮތް ލާމަރުކަޒީ ނިޒާމަކީ އަދުގެ އިޤްތިސާދީ ޙާލަތަށް ނުކަތާވަރުގެ ނިޒާމެއް ކަމަށެވެ. އަދި ކައުންސިލަރުންގެ އަދަދު މަދުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ވިސްނުންފުޅަކީ ޚަރަދު ކުޑަކުރުން އެކަނި ނޫންކަން ފާހަގަކުރައްވާ އަސަދު ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ފައްކާކުރުމަށް ކަމަށެވެ.
އަސަދު ވިދާޅުވީ ނިމިދިޔަ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުން ވަނީ ކައުންސިލްތަކަށް ހުރި ވަރަށް ގިނަ ފުރުޞަތުތައް ހަނިކޮށްފައި ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ވެގެން ދިއުމުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އަސަދު ވިދާޅުވިއެވެ.
އަސަދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ މިހާރު ގިނަ ރައްޔިތުން ބަލައިގަންނަ ނިޒާމެއް ނޫން ކަމަށެވެ. އެގޮތުން ފާއިތުވި އިންތިޚާބުތަކުގައި ވޯޓުލީ މީހުންގެ އިންސައްތަ ބޮޑުތަނުން ދަށަށް ގޮސްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް ފަހުގެ އިންތިޚާބުތައް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކުރުމަކީ ސަރުކާރާމެދު ރައްޔިތުން ތިބީ ހިތްހަމަޖެހިފައިކަން އަންގައިދޭ ކަމެއް ކަމަށް އަސަދު ވިދާޅުވިއެވެ.



