އައްޑޫ ސިޓީގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައިގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުއާއި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ކަމަށާ، މައްސަލައަށް ވަރަށް އަވަހަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ. އެ ޕޯސްޓާއި ގުޅިގެން މީހަކު ބުނީ އައްޑޫގެ ސެންޓްރަލް ޕަވަރ ސްޓޭޝަންގައި ހުރި ދެ މެގަވޯޓުގެ އެމްޓީޔޫ ދެ ޖެންސެޓަށް ބޭނުންވާ ސްޕެއަރ ތައް ނުލިބޭކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ޖެންސެޓް ތަކަކީ ކުރީގެ ސަރުކާރުގައި ފެނަކައިން ރާއްޖެ ގެނައި ޖެންސެޓް ތަކެކެވެ. އޭގެތެރެއިން ބައެއް ތަކެއްޗަކީ ޔޫސްޑް އެއްޗެހިތައް ކަމަށާ ބޮޑު އަގުގައި ރާއްޖެ ގެނެސްފައިވާ ސެކަންޑް ހޭންޑް ޖެންސެޓް ކަމަށް ބައެއް ފަރާތްތަކުން ޝައްކު ކުރެއެވެ.
މެމްބަރުގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓުކުރި ފަރާތަކުން ބުނީ އެ ޖެންސެޓަށް ބޭނުންވާ ސްޕެއާތައް ނުލިބުމަކީ އައްޑޫއަށް ބޭނުންވާ 12.5 މެގަވޯޓުގެ ކަރަންޓު އުފެއްދުމަށް ދިމާވެފައިވާ ދައްޗެވެ. އަދި ރައީސަށް ދަންނަވަންވީ، އިންޖީނުގެއަށް ބޭނުންވާ ސްޕެއާތައް ހޯދައިދިނުން ކަމަށާ، އަޒާން ރައީސަށް އެރުއްވި ރިޕޯޓުގައިވާ އެއްޗެއް ސާފުވާނީ ދާއިރާގެ ޓެކްނިކަލް މީހުންނަށް ކަމަށްވެސް ކޮމެންޓެއްގައި ވެއެވެ.
އައްޑޫ ކަރަންޓާއި ބެހޭގޮތުން ރައީސަށް މެމްބަރު އަޒާން އެރުއްވި ރިޕޯޓުގައި ވަނީ ސީދާ ކޮންކޮން ކަންތަކެއް ކަމެއް ޚުލާސާ އަކަށް އަދި ސާފެއް ނުވެއެވެ.



