ބަންގްލަދޭޝްގެ ސަރުކާރާއި ދެކޮޅަށް ޔޫއޭއީގައި މުޒާހަރާކުރި 57 މީހަކު ދިގު މުއްދަތަކަށް ޖަލަށް ލުމަށް އަބޫ ދާބީ ފެޑެރަލް ކޯޓް އޮފް އެޕީލުން ހުކުމް ކޮށްފިއެވެ.
މީގެތެރެއިން 3 މީހުން ޖަލަށް ލުމަށް ހުކުމް ކުރީ އުމުރު ދުވަހަށެވެ. އެކަކު 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިއިރު 53 މީހުން 10 އަހަރަށް ޖަލަށް ލުމަށްވެސް ޔޫއޭއީގެ ކޯޓުން ހުކުމް ކުރިއެވެ.
އަވަސްނިޔާގެ ދަށުން މިމައްސަލަ ނިންމީ ޔޫއޭއީގެ ސަރުކާރުން ކޯޓަށް އަންގައިގެންނެވެ. އަދި އެ އެންމެން ޑީޕޯޓް ކޮށްލުމަށްވެސް ހުކުމުގައި ވެއެވެ.
ބަންގްލަދޭޝްގައި މުޒާހަރާ ކުރީ އެގައުމުގެ ގާނޫނުގައި ވަޒީފާ ދިނުމަށް އޮންނަ އުސޫލަކާއިމެދު ރައްޔިތުން ހިތްހަމަ ނުޖެހިގެންނެވެ. އެއީ ބަންގްލަދޭޝްގެ މިނިވަން ކަމަށް ކުރި ހަނގުރާމައިގެ ބައިވެރިންގެ ޢާއިލާތަކަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަ ކުރުމަށް ހުކުމް ކުރުމާއެކު، އެކި ފަރާތްތަކަށް ޚާއްޞަ ކޮށްފައިވާ ވަޒީފާތަކުގެ އިންސައްތަ 50 އަށްވުރެ މައްޗަށް އުފުލިގެން ދިޔުމާއި ގުޅިގެންނެވެ. ބަންގްލަދޭޝްގައި ކުރިން އޮންނަ އުސޫލަކީ އެގައުމުގެ މިނިވަންކަމަށް މަސައްކަތްކުރި މީހުންގެ އާއިލާތަކަށް ވަޒީފާ ދިނުމަކީ ލާޒިމް ކަމެކެވެ. އެމީހުންގެ ތައުލީމީ ފެންވަރަކަށް ނުބަލައި، ތައުލީމީ އިލްމީ އަދި ގާބިލް އެތައް ބަޔަކަށް މިކަމުގެ ސަބަބުން ވަޒީފާ ނުލިބޭތީ މި މުޒާހަރާތައް ބަންގްލަދޭޝްގައި ގަދަވިއެވެ. އަދި ފުލުހުންގެ 3 މީހަކު މި ހަމަނުޖެހުންތަކގައި ބަންގްލަދޭޝުން މަރުވިއެވެ.

ބަންގްލަދޭޝްގައި ކުރަމުންދިޔަ ހަޅުތާލުތައް ހުއްޓުނީ ސުޕްރީމް ކޯޓުގެ ހުކުމަކުންނެވެ. އެހުކުމުގައި އޮންނަނީ ބަންގްލަދޭޝްގެ މިނިވަންކަމަށް މަސައްކަތްކުރި މީހުންގެ އާއިލާތަކަށް ދެމުންދިޔަ ވަޒީފާގެ ކޯޓާ އެގޮތަށް ނުދިނުމަށެވެ.



