ޒަމާނުއްސުރެ ރުޅިވެރިކަން އޮންނަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެރިކަންކުރާ ފަތަޙަ ޖަމާޢަތާއި، ގައްޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތްވެސް ހިމެނޭހެން ޗައިނާއިން ފަލަސްތީނުގެ ޖަމާއަތްތައް އެއްގަލަކަށް އަރުވައިފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފަތަހަ ޖަމާއަތަކީ އިސްރާއީލާއި ގުޅުން ބާއްވާ ޖަމާއަތެކެވެ. ނަމަވެސް ހަމާސްއަކީ އިސްރާއީލަށް ފަލަސްތީނުގެ އެންމެ އިންޗިއެއްވެސް ދޭން ބޭނުން ނުވާ ޖަމާއަތެކެވެ.
ޗައިނާއިން ބުނީ, ފަލަސްޠީނުގެ ޖަމާޢަތްތަކުގެ މެދުގައި ސުލްޙައިގެ މަޝްވަރާތައް ބާއްވާފައި ވަނީ ޖުލައި 21ން ފެށިގެން މިއަދާއި ހަމަޔަށެވެ. މި ބައްދަލުވުންތަކުގައި ފަލަސްޠީނުގެ ތަފާތު 14 ޖަމާޢަތްތަކުގެ އިސްވެރިން ބައިވެރިވި ކަމަށާ، ބައިނަލްއަޤުވާމީ މަސްރަޙުގައި ފަލަސްޠީނުގެ ރައްޔިތުން ތަމްސީލު ކުރާނެ ބަޔަކު މި ބައްދަލުވުމުގައި ވަނީ ފައިނަލް ކޮށްފައެވެ. އެގޮތުން ފަލަސްޠީނުގެ ރައްޔިތުން ތަމްސީލު ކުރާނެ މައި ކޯލިޝަނަކީ ޕަލަސްޓީނިޔަން ލިބެރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ކަމުގައި ކަނޑައަޅާފައިވާ ކަމަށް ޗައިނާއިން މިއަދު ބުންޏެވެ.
ޕީއެލްއޯއަކީ ފަލަސްޠީނުގެ ސިޔާސީ ޕާޓީތައް ގުޅިގެން އެކުލަވައިލާފައިވާ ކޯލިޝަނެކެވެ. 1993ވަނަ އަހަރު ޕީއެލްއޯން ވަނީ ޔަހޫދީންނާ އެކު އޮސްލޯ ސުލްޙައިގެ އެއްބަސްވުން އެކުލަވައިލައި, ހުޅަނގު އައްސޭރީގައި ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ނަމުގައި ސަރުކާރެއް އެކުލަވައިލާފައެވެ. ޙަމާސަކީ ޕީއެލްއޯއާ ގުޅިފައިވާ ޖަމާޢަތެއް ނޫނެވެ.
އެހެންކަމުން މިއީ ތާރޚީ އެއްބަސްވުމެކެވެ. ނަމަވެސް މިހާރު ހިނގަމުންދާ ހަނގުރާމައަށްފަހު ފަލަސްތީނުގައި ސަރުކާރެއް އެކުލަވާލާނެ ގޮތެއް އަދި ހަމާސްއިން އަދާކުރާނެ ރޯލެއް ޗައިނާއަކުން ނުބުނެއެވެ. އަދި ހަމާސްއިންވެސް މިބައްދަލުވުމާއި ގުޅިގެން އެޒާތުގެ ވާހަކައެއް ދައްކާފައެއް ނުވެއެވެ.



