33 ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އައިމިނަތު ވިދާދްގެ ޕެއާ އިން ހޯދައިފިއެވެ. މިއީ މި ޕެއާ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ.
ފައިނަލްގައި ވިދާދް އާއި ނަހުފާގެ ޕެއާ ވަނީ 2-1 ސެޓުން އައިޝަތު ފައިނާޒް އާއި އަފީފުއްނިސާގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 19-15 އިން ވިދާދް އާއި ނަހުފާގެ ޕެއާ ގެންގޮސްފައިވަނިކޮށް، ދެން ޖެހިގެންއައި ސެޓުން ފައިނާޒް އާއި އަފީފުއްނިސާގެ ޕެއާ މޮޅުވީ 21-14 އިންނެވެ. އަދި އެއަށްފަހު، މެޗުގެ ތިންވަނަ ސެޓުން ވަރަށް ގާތުން ވާދަކޮށް، ވިދާދް އާއި ނަހުފާގެ ޕެއާ މޮޅުވީ 18-17 އިންނެވެ.
ތިންވަނަ ހޮވާ މެޗުގައި އައިމިނަތު ޝުބާ އާދަމް އާއި ފާތިމަތު ރަޔާނާގެ ޕެއާ އަތުން އައިމިނަތު ވިޝާމާ އާއި އާމިނަތު ނިފާޝާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވިޝާމާ އާއި ނިފާޝާގެ ޕެއާ ކާމިޔާބުކުރީ 22-10، 25-17 އިންނެވެ.
މި މަހުގެ 20 ގައި ފެށި ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި މިކްސް ޑަބަލްސް އާއި އަންހެން އަދި ފިރިހެން ޑަބަލްސްގެ އިތުރުން ސިންގަލްސް އިވެންޓް އަދި ޓީމް އިވެންޓްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.



