ރާއްޖެއިން ބޭސް ފޯރުކޮށްދިނުމުގައި ބަރޯސާވެފައިވަނީ އިންޑިއާގެ ކުންފުނިތަކަށެވެ. އިންޑިއާއިން އެތެރެކުރާ ގިނަ ބޭސްތަކަކީ ޔޫރަޕްގައި އެޕްރޫވް ނުކުރާ ބޭސްތަކެވެ. އިންޑިއާގެ ބައެއް ބޭސްތައް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވެސް ވަނީ މަނާކޮށްފަ އެވެ. ދިވެހި ސަރުކާރުން މި ބޭސްތައް އެތެރެކުރަނީ ދައުލަތުގެ އާސަންދަ ކުންފުނި މެދުވެރިކޮށް ނަމަވެސް އެ މަރުހަލާގައި މެދުވެރިއަކު ބައިވެރިވެ، ރާއްޖެއަށް އިންޑިއާއިން ބޭސް ލިބެނީ ވަރަށް އަގުބޮޑު ކޮށެވެ. މި މައްސަލައަކީ ސިޔާސީ އަނދިރި ފަރާތެއް އަޑީގައި ތިބެގެން ކުޅެފައިވާ ކުޅިވަރެކެވެ. އަދި މިކަމުގެ ސަބަބުން ގައުމުގެ ސިއްހީ ޚިދުމަތުގެ ނިޒާމަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިސްވެ އޮތް ފުރަތަމަ ސަރުކާރުން (މިހާރުގެ ގޮތުންނަމަ އާސަންދަ) ބަޖެޓުގެ ބޮޑު ބައެއް އިންޑިއާއިން ބޭސް ގަތުމަށް ދޫކުރިއެވެ. ދިރާސާކުރާ ފާރަވެރިން ބުނާ ގޮތުގައި މި ނިންމުމަށް ނުފޫޒު ފޯރުވީ ކޮލިޓީ ނުވަތަ ޚަރަދު ކުޑަކުރުމަށް ފޯކަސް ކުރުމަށް ވުރެ ސިޔާސީ ނިޔަތްތަކުގެ ސަބަބުންނެވެ. އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިކަންކަން ހައްލުކުރުމަށް ވައުދުވި ނަމަވެސް ފަސް އަހަރު ވީއިރުވެސް މިކަމެއް ނުހުއްޓުވުނެވެ. އެމަނިކުފާނަށް އެކަން ނުކުރެވުނީ ނުފޫޒުގަދަ ފަރާތްތަކެއްގެ މި ބޭހުގެ ކުޅިވަރުގައި އުޅޭތީއެވެ. ސަރުކާރުގެ ބަޖެޓުން އެތައް މިލިއަން ޑޮލަރެއް ބައެއްގެ ޖީބަށް ވަދެއްޖެއެވެ. މިއީ ރައްޔިތުންނަށް އެނގެން ޖެހޭނެ ހަގީގަތެކެވެ. ފާރަވެރިން ބުނާގޮތުގައި އިންޑިއާގެ ކުންފުނިން 100 ޑޮލަރެއް ލިބޭ ބޭސް ސްޓޮކަށް އާސަންދައިން ފައިސާ ދޭއިރު ދޭން މިޖެހެނީ 1500 ޑޮލަރަށެވެ. އެހެނަކަމަށްވާނަމަ 1 މިލިއަން ޑޮލަރު ހަރަދުކުރަންޖެހޭ ސްޓޮކަކަށް ސަރުކާރުން 15 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހޭނެއެވެ. މި ދެމެދުގައިވާ 14 މިލިއަން ޑޮލަރަކީ އަޑީގައި ގުޅިފައިތިބި ފަރާތްތަކުގެ ޖީބަށް ވަންނަ ފައިސާއެވެ. ފެންވަރު ދެރަ، ޔޫރަޕުގެ މިންގަނޑުތަކަށް ނުފެތޭ ބޭސް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން މި ކުޅިވަރު ކުޅުވިއެވެ. އެއްވެސް ރައީސަކަށް މިކަމެއް ނުހުއްޓުވުނެވެ. ހުއްޓުވާނަމޭ ވިދާޅުވިޔަަސް، މިދެންނެވި މެޑިކަލް މާފިއާ ކުޅިވަރު އަމަލީ ފިޔަވަޅެއް އަޅުއްވަން އޭރުގެ ރައީސުންނަށް ކެރިވަޑައެއް ނުގަތެވެ. ގައުމަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެވެރިންނަށް އޯކޭ ކަހަލައެވެ.
މެޑިކަލް މާފިއާ ހުއްޓުވުން
ރައީސް މުއިއްޒުގެ އިރުޝާދާއި އިސްނެންގެވުމާއެކު މިދެންނެވި މެޑިކަލް މާފިޔާގެ ކުޅިވަރު ހުއްޓުވުމުގެ އަމަލީ މަސައްކަތް ފަށައި އެކަން އިއްޔެ އެސްޓީއޯއިން އިއުލާން ކުރިއެވެ. އެސްޓީއޯއިން ބުނީ މީގެފަހުން ރާއްޖެއަށް ބޭސް އެތެރެކުރާނީ ސީދާ ޔޫރަޕްގެ ކުންފުނިތަކުން ޑައިރެކްޓްކޮށް އެސްޓީއޯއަށެވެ. އިންޑިއާއަކުންނެއް ނޫނެވެ.
އިންޑިއާގެ ބޭސްތަކުގެ ފެންވަރާއި ގުޅޭ ކަންބޮޑުވުންތައް

އިންޑިއާގެ ބޭސް ކުންފުނިތަކުން އުފައްދާ ބައެއް ބޭސްތަކުގެ ކޮލިޓީ މައްސަލަތަކާ ގުޅިގެން ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވަނީ އެފަދަ ބޭސްތައް ބޭނުން ނުކުރުމަށް އަންގައި އިންޒާރު ދީފައެވެ. އޭގެތެރޭގައި؛
1. ރެންބެކްސީ ލެބޯޓްރީސް ކިޔާ ބޭސް އުފައްދާ ކުންފުނިން ވަނީ 2012 ވަނަ އަހަރު އެމީހުން އުފެއްދި ބޭސް ކަމަށްވާAtorvastatin (Generic Lipitor) ގައި އިންސާނުންގެ ފުރާނަޔަށް ނުރައްކާވާ މާއްދާތަކެއް ތަޣައްޔަރުވެފައިވާއިރު އެކަން އޮޅުވާލައި އަދި ތަހުލީލުތައްވެސް އޮޅުވާލައި ބޭސްތައް މާކެޓަށް ވިއްކަން ނެރެފައެވެ.
2. ވޮކްހަރޑްޓް ކިޔާ ބޭސް އުފައްދާ ކުންފުންޏަކުން ވަނީ 2013 ވަނަ އަހަރު އުފެއްދި Metoprolol (Generic for hypertension) ކިޔާ ބޭހެއް ވަރަށް ފެންވަރު ދަށްކޮށް އުފައްދައި ބާޒާރަށް ނެރެފައެވެ. އެހެންކަމުން މިބޭސް ޑަބުލިޔޫއެޗްއޯގެ ސަމާލުކަމަށް އައެވެ. ޔޫރަޕުގެ މާކެޓަށް މިކަހަލަ ދަށް ފަންތީގެ ބޭސް އެތެރެ ނުކުރެވޭނެއެވެ.
3. ސަން ފާމަސިއުޓިކަލް އިންޑަސްޓްރީސް އިން 2014 ވަނަ އަހަރު އުފެއްދި Olmesartan (Generic for high blood pressure) ނަމަކަށް ކިޔާ ބޭހެއްވެސް ޑަބުލިޔު އެޗްއޯއިން މަނާކުރިއެވެ. ސަބަބަކީ މި ބޭސް އުފެއްދުމުގައި ވަރަށް ސާފުތާހިރުކަން ކުޑަކަމަށް ތަހުލީލުތަކުން ދައްކާފައިވާތީއެވެ.
މިއީ އަދި މަދު އެހެނަސް ތަފާތު 3 ހާދިސާ އެކެވެ. މި ހާދިސާތަކުން އެނެގެނީ ޒަމާނުއްސުރެ ދިވެހިން އެ ބޭހަކަށް ބަރޯސާވެފައިވާ އިންޑިއާގެ ވަބޭސްތަކުގެ ކޮލިޓީއާއި އޭގެ ނުރައްކާތަކެވެ.
ޔޫރަޕްގެ ބޭސްތަކުގެ ފައިދާ
ޔޫރަޕްގެ ބޭސްތައް ކޮލިޓީވެފައި އެހާމެ ރަނގަޅު. ޔޫރަޕްގެ ބޭސްތައް ތައްޔާރު ކުރުމަށްފަހު އިންޑިއާގައި އޮންނަހެން ލާރިކޮޅެއް ދިނީމާ އެޕްރޫވްއެއް ނުކުރާނެއެވެ. ޔޫރަޕްގައި ހަދާނީ ވަރަށް ހަރުކަށި ޓެސްޓްތަކެވެ. އެމީހުންނަކީ ކާފަރުން ކަމުގައި ވިޔަސް އެމީހުން އަހަރުމެން ދިވެހިންނަށްވުރެ ބޮޑަށް ސިއްހަތާއިމެދު ވިސްނައެވެ. އެހެންކަމުން ބޭސްތައް އެޕްރޫވް ކުރުމުގައި އެމީހުން ގެންގުޅެނީ ވަރަށްވެސް ހަރުކަށި އުސޫލު ތަކެކެވެ. ބޭހުގެ ފައިދާ ކަށަވަރު ކުރުމަށެވެ. އެހެންކަމުން މިއީ ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
ޑައިރެކްޓް ޕްރޮކިއުމަންޓް: އެސްޓީއޯއިން ބުނީ، އެކުންފުންޏަށް މީގެފަހުން ބޭސް ލިބޭނީ ސީދާ ޔޫރަޕްގެ ބޭސް އުފައްދާ ކުންފުނިތަކުންނެވެ. އިތުރު ފަރާތެއް މިކަމުގައި މެދުވެރިއެއް ނުވާނެއެވެ. އެހެންކަމުން ހަރަދު ކުޑަވެ ކުރިން ވީހެނެއް ނުވާނެއެވެ.
ފެންވަރު ދެރަ ބޭހެކޭ ދެނެއް ނުބުނެވޭނެ: ޔޫރަޕްގެ ބޭސްތަކަކީ އާންމުކޮށް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ތަބާވާ އެއްޗަކަށް ވާތީ، ފެންވަރު ދަށް އުފެއްދުންތައް ލިބުމުގެ ނުރައްކާ ކުޑަވާނެއެވެ.

އޭޝިއާގެ ބޭހާއި ޔޫރަޕްގެ ބޭސްތަކުގެ ތަފާތުތައް
އޭޝިއާގެ ގައުމުތަކާއި ޚިލާފަށް ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) ފަދަ ފަރާތްތަކުން ބޭހާއިމެދު ވަރަށް ފާރަވެރި ވެއެވެ. ބޭސް އުފައްދާ ގޮތާއި އެތަނުގެ ސާފުތާހިރުކަމާއި އެ ބޭނުންކުރި މާއްދާތައް އުފެއްދި ގޮތާއި އެއަށް ބޭނުންކުރި ކެމިކަލް ތަކާއި އަދި އެތަކެތި ސްޓޮކްގައި ރައްކާކޮށްފައި ހުރި ގޮތާއި އެތަނުގެ ސާފުތާހިރުކަމާއި ޓެމްޕަރޭޗާވެސް ބަލައެވެ. އަދި އެ ބޭހުން ވާނެ ފައިދާތަކާއި ގެއްލުންތައް ކަށަވަރު ކުރެއެވެ.
އިންޑިއާގެ ބޭސްތައް ފެކްޓަރީން ގަންނަން ލިބޭ އަގާއި އަޅާބަލާއިރު ޔޫރަޕްގ ބޭސް ހަގީގަތުގައި އަގު ބޮޑެވެ. އެއީ އުފެއްދުމުގެ ހަރަދު ބޮޑުވުމާއި ކޮލިޓީ ކޮންޓްރޯލް ކުރުމުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އޭޝިއާގެ ބޭސްތައް އާންމުކޮށް އަގުހެޔޮ ނަމަވެސް ފެންވަރު ދެރައެވެ. ރާއްޖެއަށް އަގުބޮޑުކޮށް އިންޑިއާއިން ބޭސް ލިބެނީ އިތުރު މެދުވެރިންތަކެއް ތިބީމައެވެ. ކަޓު ނަގާ ގުރޫޕެއް ނުވަތަ ވަކި ބަޔަކަށް ކޮންމެ ބޭސް ގުޅައަކުން ބައި އަޅަން ޖެހޭތީއެވެ.
ކުރިމަގު
މިހާރުގެ ސަރުކާރުން ސީދާ ޔޫރަޕުން ބޭސް ހޯދުމުގެ މަސައްކަތް ފަށާފައި ވުމުން ސިއްހީ ފަރުވާގެ ފެންވަރު މަތިކުރެވޭނެއެވެ. ކުރީގައި މިދެންނެވި ކޮރަޕްޝަނުގެ ގުރޫޕުގެ އަތުން ސިއްހީ ނިޒާމު ސަލާމަތްކޮށް މަތީ ފެންވަރުގެ ޔޫރަޕްގެ ބޭސްތަކަށް ފޯކަސް ކޮށްގެން، ދިވެހިންގެ އާބާދީއަށް ރަނގަޅު ސިއްހީ ނަތީޖާތަކެއް ކަށަވަރު ކުރެވޭއިރު، ދިގު މުއްދަތުގައި ހަރަދުތައް ކުޑަކުރެވޭނެއެވެ. މި އުސޫލުން ދައްކުވައިދެނީ ސިޔާސީ އަދި އިޤްތިޞާދީ ފިއްތުންތަކަށްވުރެ މިސަރުކާރުން ރައްޔިތުންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އިސްކަންދޭކަމެވެ. ޕްރޮކިއުމަންޓްގެ ހުރިހާ ޕްރޮސެސްތަކަކީ ނާޖާއިޒު ނުފޫޒުން އެއްކިބާވެފައިވާ ޕްރޮސެސްތަކެއްކަން ކަށަވަރުކޮށްް، ރާއްޖޭގައި އޮތް މެޑިކަލް މާފިޔާ ނައްތާލުމަށް މީގެ ކުރިން އެއްވެސް ސަރުކާރަކަށް ނުކެރުނެވެ. އަމަލީ ފިޔަވަޅު އަޅަން ކެރުނީ ހަމައެކަނި މިސަރުކާރަށެވެ.



