މިނިވަންދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި 138 ފަރާތަކަށް ރައީސްގެ ޝަރަފުވެރިކަމުގެ ބެޖާއި އެވޯޑާއި އިނާމް ހަވާލުކުރުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
މި އެވޯޑުތަކަކީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ނަމޫނާ ޚިދުމަތެއް ކޮށްފައިވާ ފަރާތްތަކަށް ދޭ އެވޯޑެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާއަދާކުރެއްވި ކަމުގައިވީނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުޠުތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް އެރުވޭ އިނާމެކެވެ.
މިރަސްމިއްޔާތުގައި ރައީސް ގައުމާއި މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބު ކުރައްވާނީ ޖުލައި މަހުގެ 26 ވާ ހުކުރު ދުވަހުގެރޭ ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.



