ސޯވިއެޓް ޔޫނިއަނުގެ ޒަމާނުގެ ބޮޑު ޖައްވީ އުޅަނދެއް ޓެކްނިކަލް މައްސަލައެއް ދިމާވެ މިސްރާބުން ނެއްޓި، ބިމާއި ދިމާލަށް އަންނަނީއެވެ. ސައެންސްވެރިން ބުނާ ގޮތުގައި ކުރިޔަށް އޮތް 7 ގަޑިއިރުތެރޭ އެ އުޅަނދު ދުނިޔޭގެ ބިމަށް ވެއްޓޭނެއެވެ.
މިކަމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވުން އުފެދެމުންދެއެވެ.

ކްރީމް ކުލައިން މި ފެންނަނީ ޖައްވީ އުޅަނދު ވެއްޓޭނެ ކަމަށް ލަފާކުރެވޭ ސަރަޙައްދުތައް: މާނައަކީ މިތަނުން ކޮންމެވެސް އެއް ތަކަށް މިރޭ ވެއްޓޭނެ. މި މެޕްގައި ރާއްޖެ ހިމެނޭ.
ކޮސްމޮސް 482 ގެ ނަމުގައި މަޝްހޫރު ވެފައިވާ މި އުޅަނދު މި މަހުގެ 10 ވަނަ ދުވަހާއި ހިސާބުގައި ބިމަށް ވެއްޓޭނެ ކަމަށް ކުރިން ވެސް ސައެންސްވެރިން ލަފާކޮށްފައި ވެއެވެ. މިއީ 1972 ވަނަ އަހަރު ވީނަސް އަށް ދަތުރުކުރުމަށް ފޮނުވި އުޅަނދެކެވެ. 50 އަހަރަށް ވުރެ ގިނަ ދުވަހު އެ އުޅަނދު ދިޔައީ ދުއްވަމުންނެވެ.
ސައެންސްވެރިން ލަފާކުރާ ގޮތުގައި ޔޫރަޕް، މިޑްލްއީސްޓް، އެފްރިކާ އަދި ދިވެހިރާއްޖެ ސަރަހައްދަށް ވެސް މި އުޅަނދު ވެއްޓިދާނެއެވެ.
އެންމެ ފަހުގެ ލަފާކުރުންތައް ދައްކުވައިދޭ ފޮޓޯއެއް:

މިއަދުގެ މަޢުލޫމާތުތަކަށް ބަލާއިރު މި ދެފަހަރު ވެސް އެ އުޅަނދު ވެއްޓޭނެ ކަމަށް ސައެންސްވެރިން ލަފާކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ރާއްޖޭގެ ސަރަޙައްދު ހިމެނޭ.
މި އުޅަނދު މިރޭ ސީދާ ރާއްޖެއަކަށް ވެއްޓޭނެއޭ ސައެންސްވެރިން ޔަޤީންކޮށް ބުނެފައެއް ނެތެވެ. އެމީހުން ކުރަނީ ލަފައެވެ. ޔަޤީންވާ ކަމަކީ މިރޭ 7 އާއި 8 އާއި ދޭތެރޭ މި އުޅަނދު ވެއްޓޭނެކަމެވެ.
ރާއްޖެއަށް ވެއްޓޭނެ ކަމަށް ލަފާކުރަނީ ސައެންސްވެރިންގެ ތެރެއިން 6 ބައިކުޅަ 1 ބައެވެ.
ގާތްގަނޑަކަށް 500 ކިލޯގްރާމުގެ ބަރުދަން ހުރި މި އުޅަނދު ފަރުމާކޮށްފައި ވަނީ ވީނަސްގެ ހޫނުން އަނދައި ހުލިނުވާނެ ގޮތަށެވެ.
މާހިރުން ބުނާ ގޮތުގައި މި އުޅަނދު ދުނިޔޭގެ ބިމުގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ވެއްޓިއްޖެނަމަ އެތައް ބަޔަކު މަރުވާނެ ކަމަށެވެ. ބޮޑަށް ލަފާ ކުރެވެނީ މިޑްލް-އީސްޓަށް މި އުޅަނދު ވެއްޓޭނެ ކަމަށެވެ.







