ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ހުރިހާ ޔަހޫދީން މިނިވަން ވަންދެން ހަނގުރާމަ ކުރިޔަށްދާނެ ކަމަށާ، ހަމަލާތައް މުޅިން ހުއްޓާލާނީ އިސްރާއީލުގެ ލަނޑުދަނޑިތައް މުޅިން ހާސިލް ކުރުމުން ކަމަށް ނަތަންޔާހޫ ބުނެފިއެވެ،
ނަތަންޔާހޫއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި މިހާރުވެސް 120 އިސްރާއީލް ރައްޔިތުން ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ. އަދި އެމީހުންނާ ދޭތެރޭ ހަމާސްއިން ކަންތައްތައް ކުރަނީ ވަރަށް އަނިޔާވެރިކޮށް ކަމަށާ، ހަމާސްއިން ވަނީ ބައެއް ރަހީނުން މަރާލާފައި ކަމަށް ނަތަންޔާހޫ ތުހުމަތު ކުރެއެވެ.
މި ތުހުމަތުތަކާއި ގުޅިގެން ހަމާސްއިން ބުނެފައިވަނީ އެޖަމާއަތުގެ ބެލުމުގެ ދަށުގައިވާ އިސްރާއީލުގެ އަސީރުންނަށް އެޖަމާއަތުން އަނިޔާ ކޮށްފައި ނުވާނެ ކަމަށާ، އެމީހުންނާ ދޭތެރޭގައި ކަންތައްތައް ކުރަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށެވެ. އަދި މިހާތަނަށް އަސީރުން މަރުވީވެސް އެމީހުން ތިބި ތަނަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން ކަމަށް ހަމާސްއިން ބުނެއެވެ.
ޔަހޫދީން ފަލަސްތީނުގެ ބިން ފޭރުމުގެ މަގުސަދުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ފާއިތުވީ 9 މަސްތެރޭގައި 39000 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 25,000 އެއްހާ އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ. އަދި އިމާރާތްތަކުގެ ދަށުގައި ޗިސްވެ މަރުވެ ކުނިވެފައިވާ 10,000 އެއްހާ މީހުންގެ ހަށިތައް ތިބިކަމަށް ލަފާކުރެވޭއިރު 90 ހާހެއްހާ މީހުން ވަނީ ޒަހަމް ވެފައެވެ.



