ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޚާއްޞަ އޮންލައިން ޕޯޓަލް އެއް ތަޢާރަފުކޮށްފިއެވެ. މި އައު ނިޒާމުގެ ދަށުން، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް ލިބިގަނެވޭނީ އީފާސް މެދުވެރިކޮށް އޮންލައިން ޕޯޓަލް ބޭނުންކޮށްގެންނެވެ.
ޑީޖޭއޭ އިން މަޢުލޫމާތު ދެއްވިގޮތުގައި، މި ބަދަލު ގެނެސްފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފަސޭހަކުރުމުގެ މަޤްޞަދުގައެވެ. އަދި މިހާރު ބޭނުންކުރާ ފޯމު މެދުވެރިކޮށް ވަކިވަކި ފަރުދުން ހުށަހަޅާ ހުށަހެޅުންތައް އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ފަހުން ބަލައިނުގަނެވޭނެ ކަމަށްވެސް އެ އޮފީހުން އިޢުލާނުކޮށްފައިވެއެވެ.
ނަމަވެސް، ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުން ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތުމުގައި އެއްވެސް ބަދަލެއް ނާންނާނެއެވެ. ޑީޖޭއޭ އިން ހާމަކުރި ގޮތުގައި، އެ ފަރާތްތަކުން ކުރިއެކޭވެސް އެއްފަދައިން، އެ އޮފީހެއް ނުވަތަ ކުންފުންޏެއްގެ ސިޓީއަކާއެކު ރެކޯޑު ސާފުކުރުމަށް އެދި ހުށަހެޅުމުން އެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
މި އައު ނިޒާމަކީ ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޝަރުޢީ ދާއިރާގެ ޚިދުމަތްތައް ޒަމާނީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިޔަށްގެންދަވާ މަސައްކަތުގެތެރެއިން ބައެކެވެ.