ސަރުކާރުގެ އަމާޒަކީ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމުން ވިހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި އުސޫލާ ހިލާފަށް އެއްވެސް މީހަކު ބާކީ ނުކުރާނެ ކަމަށް ހައުސިން، ލޭންޑް އެންޑް އާބަން ޑިވޮލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ.އެ މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެދޮރުވެރިޔާ ސްކީމް އާއި ބިންވެރިޔާ ސްކީމްއާ ގުޅިގެން އެކި ފަރާތްތަކުން މީސްމީޑިއާގައި އާންމުންގެ ހިތްތަކުގައި އެ ވުޒާރާއާ މެދު ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ހަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި ކުރީ ސަރުކާރުން އެކުލަވާފައިވާ ލިސްޓަށް މި ސަރުކާރުން ބަދަލު ގެންނަން އުޅޭކަމަށް ހަޤީޤަތާ ހިލާފަށް ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ޚަބަރުތައް ފަތުރަމުންދާ ކަމަށެވެ.މި ސަރުކާރުގެ ވިސްނުމަކީ އެ ދެ ސްކީމުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އުސޫލާއި ޚިލާފަށް އެއްވެސް ރައްޔިތަކު އެ ދެ ސްކީމްގެ ދަށުން ބާކީކޮށް ނުލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ބުންޏެވެ.އެ މަސައްކަތަކީ އެތައްހާސް ރައްޔިތުންގެ ބޯހިޔާވަހިކަމުގެ އުންމީދުތަކާ ގުޅިފައިވާ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި އެކަމުގައި އެ ވުޒާރާގެ ރަސްމީ ބަހެއް ހޯދުމެއް ނެތި ސިޔާސީ ބޭނުމަށް ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ފޭކް ލިސްޓެއް ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ބުނެފައެވެ.އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި މިހާރު ދައުރުކުރަމުންގެންދާ ލިސްޓަކީ އެ ކޮމިޝަނުގެ ލިސްޓެއް ނޫންކަން ބެލިބެލުމުންވަނީ އެނގިފައި ކަމަށެވެ.އޭސީސީގެ ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނުންގެ އެއްވެސް މަސައްކަތަށް އެއްވެސް މީހެއްގެ ނުވަތަ ފަރާތެއްގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.