މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ލަފާ އަރުވަން ފާސްކޮށްފިއެވެ.
މިއަދު ބޭއްވި ވޯޓުގައި އޭނާ މަގާމުން ވަކިކުރުމަށް ފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވި އެވެ. އެކަމާ ދެކޮޅަށް ނުވަ މެންބަރުން ވޯޓު ދެއްވި އެވެ.
މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ އިސްނެންގެވުމާއެކު ހުށަހެޅުނު މިމައްސަލައާއި ގުޅިގެން، ގަވަރުނަރު މަގާމުން ވަކިކުރަން ފާސްކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމްއެމްއޭގެ ގާނޫނުގައި ބަޔާންކޮށްފައިވާ އެ އޮތޯރިޓީގެ މަގުސަދުތަކާއި މަސައްކަތްތައް އަދާކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ނެތް ކަމަށް މާލިއްޔަތު ކޮމިޓީއަށް ސާބިތުވާ ކަމަށެވެ.
ހާޝިމަށް ޖަވާބުދާރީ ވުމަށް ތިން ފުރުސަތު ދިނެވެ. ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހާޝިމް ނުކުރެއްވިއެވެ. އާލާސްކަންފުޅާ އުޅުއްވާ ކަމަށް ބަޔާންކޮށް މަޖިލިސް އިދާރާއަށް ސިޓީއެއް ފޮނުއްވިއެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ ސެޕްޓެމްބަރު 8, 2019 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.



