ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި ޔޫސުފް މާނިއު އެ މަޤާމުން ވަކިކޮށްފިއެވެ.
މާނިއު އަށް މި ފަހުން ވެސް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގައި 'ރާއްޖެއަށް ހަތިޔާރު ގެންނަން ނިޔަތް ގަނެއްޖެ ނަމަ އެ ފުރުޞަތު އެބަ އޮތް' ކަމަށް ވިދާޅުވުމާއި ގުޅިގެން މާނިޢުގެ ޤާބިލް ކަމާމެދު ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
އަދި މަޤާމާ ހަވާލުވެވަޑައިގެންތަނާ ކަސްޓަމްސްގެ ސީޖީގެ ރަސްމީ ކާރުކޮޅުގައި އަމިއްލައަށް ރަން ކުލައިގެ ފަށަލައެއް ލި މައްސަލައިގައިވެސް އޭނާއަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. އެކަމާ ގުޅިގެން އޭނާ ވަނީ އެ ފަށަލަ ނަގައި ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.
މާނިއު ވަކިކޮށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެ މަޤާމަށް ފާތިމަތު ދިޔާނާ އައްޔަންކުރައްވާފައެވެ.
މިއީ ކަސްޓަމްސްގެ ވެރިއަކަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަންހެނުންގެ ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތު އަދި ޤައުމު ހިންގުމާއި ސިޔާސަތުތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ދެއްވާ އިސްކަން ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ.
މާނިއު ކަސްޓަމްސް އިން ވަކިކޮށް އޭނާ ބަދަލުކޮށްފައިވަނީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށެވެ.



