ޖެންޑަރ އިކުއަލިޓީއަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ވެރިޔަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންހެން ބޭފުޅަކު ހަމަޖައްސަވާފައެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އެމަނިކުފާނު އައްޔަން ކުރެއްވީ ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާއެވެ.
ދިވެހިރާއްޖޭގެ ކަސްޓަމްސް ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) އާ އެއްގޮތަށް މި މަގާމު އިއުލާން ކުރެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
ފާތިމަތު ދިޔާނާ ކޮމިޝަނަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ކަމަށްވާއިރު މިއި ސަރުކާރުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ދިޔާނާ އަކީ ކަސްޓަމްސް ޑިޕާޓްމަންޓުގައި 23 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ޝަރަފުވެރި ކަނބަލެކެވެ. އެކަމަނާގެ ތަޖުރިބާއާއި ޚިދުމަތްތެރިކަމުގެ ސަބަބުން އެކަމަނާގެ ތާރީހީ ކުރިއެރުމަށް މަގުފަހިވެފައިވާއިރު، މިއީ މުހިންމު ސިޔާސަތާއި ނިންމުންތައް ނިންމުމުގެ ދާއިރާތަކުގައި އަންހެނުންގެ ދައުރު ކުރިއެރުވުމަށް ސަރުކާރުން ދޭ ސަމާލުކަން ދައްކުވައިދޭ ކަމެކެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވެރިކަން ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރާ ޚިދުމަތްތެރިކަމަށް އަލިއަޅުވާލައްވާފައެވެ. "ރައީސުލްޖުމްހޫރިއްޔާ ފާތިމަތު ދިޔާނާ ފުރަތަމަ އަންހެން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަން ކުރެއްވުމަކީ އަންހެނުންގެ ކުރިއެރުމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެއް. އެއީ ރާއްޖޭގެ ހިންގުމާއި ސިޔާސަތު ނިންމުންތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އިސްކަންދޭ ކަމުގެ ހެކި،" ހީނާ ވިދާޅުވި އެވެ.



