ދިވެހި ފުލުހުންގެ ޚިދުމަތުން ވަޒީފާގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ވަނީ ތިން ރޭންކަކުން އާންމުންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވާލާފައެވެ. އެއީ ސާޖަންޓް ގްރޭޑް އެކެއް، ދޭއް، ތިނެއް އަދި ސީނިއާ ސާޖަންޓް ގްރޭޑް އެކެއް، ދޭއްގެ މަޤާމުތަކަށެވެ.
ކޮންސްޓަބަލް ރޭންކުގެ އޮފިސަރަކަށް މުސާރައާއި އިނާޔަތްތަކާއެކު 15000 ރުފިޔާ ލިބެއެވެ. ސާޖަންޓް ގްރޭޑް އެކެއްގެ އޮފިސަރަކަށް 18700 ރުފިޔާ، ސާޖަންޓް ގްރޭޑް ދޭއްގެ އޮފިސަރަކަށް 20400 ރުފިޔާ އަދި ސާޖަންޓް ގްރޭޑް ތިނެއްގެ އޮފިސަރުންނަށް 22100 ރުފިޔާ ލިބެއެވެ. އަދި ސީނިއާ ސާޖަންޓް ގްރޭޑް އެކެއްގެ އޮފިސަރުންނަށް 24200 ރުފިޔާ ލިބޭއިރު، ސީނިއާ ސާޖަންޓް ގްރޭޑް ދޭއްގެ އޮފިސަރުންނަށް 26500 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށް ފުލުހުން ބުންޏެވެ.

މި ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއެކު ކަމާގުޅޭ ލިޔެކިޔުންތައް އަންނަ އޮގަސްޓް މަހުގެ އެކެއްވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ފުލުހުންގެ ހެޑްކުއާޓަރަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރު 14:00 އިން ހަވީރު 16:00 އަށް ކަމަށް ފުލުހުން ބުންޏެވެ.



