ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޑޮކްޓަރީ ބޭހުން ތަޣައްޔަރުވެފައިވާ މާމުޔެއް ވިއްކަމުންދާކަން މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޓީއޭ)ގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ބުނީ މި މާމުތުގައި ބޭހުގެ މާއްދާއެއް ކަމަށްވާ ޓަޑަލަފިލް އަދި ސިލްޑެނަފިލް އެކުލެވޭ ކަމަށެވެ. މިފަދަ އުފެއްދުންތަކަކީ ޔޫއެސް އެފްޑީއޭ އިންވެސް ރައްކާތެރި ނޫން ކަމަށް ފާހަގަކޮށްފައިވާ އުފެއްދުންތައް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނީ މިކަމާ ގުޅިގެން މީގެ ކުރިން 12 ސެޕްޓެމްބަރު 2022 ގައިވެސް އެ އޮތޯރިޓީން އާންމުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ.
ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުންކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އެގޮތުން މިފަދަ ތަކެތި ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އުފެއްދުންތައް އިމްޕޯޓު ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.



