އިސްލާމީ ކަންތައްތަލާބެހޭ ވުޒާރާއިން ބަންގްލަދޭޝްގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދަރުސް ދިނުމަށް ނިންމައިފިއެވެ.
ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މުސްލިމު ރައްޔިތުންގެ މެދުގައި ދީނީ އަހުލާގު އަށަގަނުވައި އިސްލާމް ދީނަށް ލޯބި ޖައްސައި ހާއްސަކޮށް ކުށްކުރުމުން ދުރުހެލި ކުރުމުގެ ގޮތުން ކޮންމެ ހަފްތާއަކުވެސް 21 ދަރުސް ދިނުމަށް ހާއްސަ ކުރެވިފައި ވެއެވެ.
ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އިސްލާމިކް މިނިސްޓްރީން ދަރުސްދޭއިރު ކޮންމެ ހަފްތާއަކު 371 ދަރުސް ދޭނެއެވެ. އެގޮތުން ގްރޭޓާ މާލޭ އޭރިއާގެ މިސްކިތްތަކުގައި 216 ދަރުސް ދިނުމަށް ނިންމާފައިވާއިރު ބަންގްލަދޭޝްގެ ރައްޔިތުންނަށް ވަކިން ހާއްސަކޮށްގެން ބާއްވާ 21 ދަރުސް މީގެތެރޭގައި ނުހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރާއްޖޭގައި ކުށްކުރުން މަދުކުރެވޭނީ ބިޑިއަޅުވައި އަނިޔާކޮށް ޖަލަށް ލުމުގެ ބަދަލުގައި އިސްލާމީ ތައުލީމަށް އޮންނަ ލޯތްބާއި އިހުތިރާމާއި ގަދަރު އިތުރު ކޮށްގެންނެވެ. ނަމަވެސް ގާނޫނާއި ހިލާފު ކަމެއް ކުރީމާ ގާނޫނުގައި އޮންނަ ގޮތަކަށް އެމީހަކާއި ދޭތެރޭގައި އަމަލު ކުރެވޭނެ ކަމަށާއި، އެހެންކަމުން ކުށްކުރުން މަދު މުޖުތަމަޢަކަށް ދިވެހި ގައުމު ހެދުމަކީ އެމަނިކުފާނުގެ އަމާޒެވެ.މި ދީނީ ދަރުސް ޕްރޮގްރާމަކީ އޭގެތެރެއިން ކުރިޔަށްދާ ޕްރޮގްރާމެކެވެ.
ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންގެ ފަރާތުން އެކަށީގެންނުވާ ގިނަ ކުށްތައް ފެނިގެންދާއިރު، އެމީހުން ހަމަމަގަށް އަޅުވަން މީގެ ކުރިން އެއްވެސް ސަރުކާރަކުން ދީނީ ޕްރޮގްރާމެއް ނުހިންގައެވެ.



