1445ގެ އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު ފައިނަލްގައި ބުރު ސްޕޯޓްސް ކުލަބް އަދި ކުލަބް ކާސިންޖީ ވާދަކުރި މެޗުން ފަސޭހަކަމާއި އެކީ ކާސިންޖީ ބަލިކޮށް، އަނެއްކާ ވެސް ބުރުން ބައިބަލާގެ ރަސްކަމަށް އަތުވެއްޖެއެވެ.
ފުރަތަމަ ގޭމުގައި އެތެރޭން ކުޅެމުން ދިޔަ ކުލަބް ކާސިންޖީ ގެ މައްޗަށް ބުރު ސްޕޯޓްސް ކުލަބް އިން ކުރި ހޯދައި މި ގޭމުގައި ބޭރުން އަރަމުންދިޔަ ބުރު ސްޕޯޓްސްގެ ކުޅުންތެރިން މަޑު މަޑުން އެތެރޭގައި ކުޅެމުންދިޔަ ކުލަބް ކާސިންޖީގެ ކުޅުންތެރިން ނުބައިކޮށް، އެތެރޭގައި ކުލަބް ކާސިންޖީ އަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ބުރު ސްޕޯޓްސް ކުލަބް ގެ މިރުސާލް (މިރޫ) މި ގޭމު ނިމެން 1 މިނެޓްއަށް ވެފައި ވަނިކޮށް އެތެރޭން ކުޅެމުން ދިޔަ ކުލަބް ކާސިންޖީގެ 4 ކުޅުންތެރިން ގޮވައިގެން ނިކުތުމާއި އެކު 7-7 ގެ ނަތީޖާ އަކުން އެއްވަރު ވިއެވެ.
އޭގެފަހުން ބޭރުން އެރި ބުރު ސްޕޯޓްސް ކުލަބްގެ ކުޅުންތެރިއަކު ކުލަބް ކާސިންޖީއިން ނުބައިކޮށްފައިވަނިކޮށް މި ގޭމު ނިމެން 13 ސިކުންތަށް ވެފައިވަނިކޮށް މިރޫ އަރާ ކުލަބް ކާސިންޖީގެ ދެ ކުޅުންތެރިން ގޮވައިގެން ނިކުތުމާއި އެކު މި ގޭމުގެ ނަތީޖާ ބުރު ސްޕޯޓްސް ކުލަބް ކޮޅަށް އެނބުރުނެވެ. މި ގޭމު ބުރު ސްޕޯޓްސް ކުލަބް އިން ކާމިޔާބުކުރީ 6-9 ގެ ނަތީޖާ އަކުންނެވެ.

ދެވަނަ ގޭމުގައި ވެސް މޮޅު ކުޅުމެއް ދެއްކި ބުރު ސްޕޯޓްސް ކުލަބް އިން މިގޭމުގައި ކުރި ހޯދިއެެވެ. ބޭރުން އަރަމުންދިޔަ ކުލަބް ކާސިންޖީގެ ކުޅުންތެރިންނަށް ބުރު ސްޕޯޓްސް ކުލަބް ޓީމުގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ. މި ގޭމުގެ ފުރިހަަމަ ވަގުތު ހަމަވެގެން ދިޔައީ ބުރު ސްޕޯޓްސް ކުލަބް ކުރީގައި އޮވެގެންނެވެ. ބައިބަލާގެ މޮޅެތި ކުޅުންތެރިންނާއިއެކު ބޭރުން އަރަމުންދިޔަ ކުލަބް ކާސިންޖީގެ މައްޗަށް ބުރު ސްޕޯޓްސް ކުލަބް މި ގޭމުގައި ކުރި ހޯދާފައި ވަނީ 8-16 ގެ ނަތީޖާ އަކުންނެވެ.
މިއަހަރުގެ މުބާރާތުގެ ތަށި ބުރު ސްޕޯޓްސްއިން ކާމިޔާބު ކޮށްފައިވާއިރު، މިއީ ބުރު ސްޕޯޓްސްއިން އީދު ބައިބަލާ މުބާރާތުގެ ތަށި ކާމިޔާބު ކުރި ތިން ވަނަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. ފުރަތަމަ ބުރު ސްޕޯޓްސް ކުލަބް އިން ބައިބަލާ މުބާރާތުގެ ތަށި ހޯދާފައިވަނީ 2007 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން 2018 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ ތަށި ވެސް ކާމިޔާބުކޮށްފައިވަނީ ބުރު ސްޕޯޓްސް ކުލަބްއެވެ.



