ސިންގަޕޫރުގެ ތެޔޮ ޓޭންކަރު ހަފްނިއާ ނައިލް ގައި ޖެހި އެކްސިޑެންޓް ވުމުން ފިލައިގެން ދިޔަ "ސީރީޒް ވަން" އުޅަނދު މެލޭޝިއާގެ ކޯސްޓްގާޑުން ކާމިޔާބުކަމާއެކު ހޯދައިފި އެވެ. ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ބަނދަރު ކައިރީގައި އޮންނަ ސިންގަޕޫރުގެ އައްސޭރީގައި ހިނގި މި ހާދިސާގެ ސަބަބުން ހަފްނިއާގައި އަލިފާން ރޯވެ، ފަޅުވެރިންގެ ދެ މީހަކަށް އަނިޔާވެފައިވެ އެވެ. އެވަގުތު ސީރީޒް ބޯޓު ވަނީ އެތަނުން ފިލާފައެވެ. ޓްރެކިން ޑިވައިސްތައް ވެސް ނިއްވާލީއެވެ. ސީރީޒް ބޯޓު ދިޔައީ ދެ ޓަގްބޯޓުގައި ކަފުޖަހައިގެންނެވެ. މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ އުޅަނދާއި ޓަގްތައް އަތުލައިގަނެ، ބޯޓުގައި ތިބި ފަޅުވެރިންވެސް ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގެއް މިހާރު ދަނީ ކުރިއަށެވެ.

މި އެކްސިޑެންޓުގައި ހަފްނިއާ އަށް ބޮޑެތި ގެއްލުންތަކެއް ލިބި، ކަނޑަށް ތެޔޮވެސް ލީކުވަމުން ދެއެވެ. ނަމަވެސް މިހާތަނަށް ގިނަ އަދަދެއްގެ ތެޔޮ ކަނޑަށް ލީކުވެފައެއް ނުވެ އެވެ. ހަފްނިއާ ނައިލް ބޯޓުގައި 74،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލިއިރު، ސީރީޒް ވަން ބޯޓުގައި އީރާނުގެ 2 މިލިއަން ފީފާ ތެޔޮ އުފުލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.