ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭ ގޮތަށް ހަމަޖައްސަން ޤާނޫނީ ފަންނުގެ ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން އެ ޤާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފު އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ނުވަ މެމްބަރުން ތިއްބަވާއިރު އޭގެ ތެރޭގައި ހިމެނެނީ ބަންޑާރަ ނައިބާއި ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަ މެމްބަރެވެ.
މަޖިލީހުގެ އެންމެ ފަހުން ބޭއްވި ޖަލްސާގައި މި ބިލް މަޖިލީހަށް ތައާރަފްކުރުން އޮތް އިރު މި ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ ކައުންސިލަށް ފުރިހަމަ މިނިވަންކަން ދިނުމެވެ. އެގޮތުން ބަންޑާރަނައިބަކީ މަޤާމުގެ ހައިސިއްޔަތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރެއް ކަމުގައި ޤާނޫނީ ފަންނުގެ ޤާނޫނުގައި ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އެކުލެވިގެންވާނީ ހަމައެކަނި ޤާނޫނީ ވަކީލުން އިންތިޚާބުކުރާ ރައީސަކާއި ނައިބު ރައީސަކާއި މެމްބަރުންގެ މައްޗަށް ކަމުގައި ހަމަޖެއްސުމަށް އެ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ވަނީ ފާހަގަކޮށްފައެވެ.
އެ ބިލްގައި މިހާރު އޮތް ގޮތުން އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަތް މެމްބަރެކެވެ.
މީގެ އިތުރުން ރަސްމީ އިދާރާތަކުންނާއި ރަޖިސްޓްރީކޮށްގެން ކިޔަވައިދޭ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔެކިޔުންތައް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދިނުމާއި ރައްޔިތުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔުންތައް ނުވަތަ ތަޢުލީމީ ސަނަދުތައް ބޭރު ޤައުމުތަކުގައި ބޭނުން ކުރުމަށް އެ ޤައުމުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުންވެސް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހޭ ގޮތަށް ޤާނޫނަށް އިތުރު އިސްލާހެއް ގެނައުމަށްވެސް ވަނީ ހުށަހަޅާފައެވެ.



