މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި ހިންގި 120 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަން މައްސަލައެއްގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ޝާމިލްވާ ކަމުގެ ހަބަރުތައް ލިބިއްޖެއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ ފައްޔާޒުއާއި އިތުރު ބަޔަކު ގުޅިގެން ހިންގި ބޮޑު ކޮރަޕްޝަން މައްސަލަތަކެއް ކަމަށެވެ. އޭގެތެރޭގައި އަކްރަމް ކަމާލުއްދީންގެ ނަމާއި އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިސް މެމްބަރުކަން ކުރެއްވި 11 އިއްޒަތްތެރި މެމްބަރުންގެ ނަންފުޅުވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ. އަދި މި ހުރިހާ މެމްބަރުންނަކީވެސް އެމްޑީޕީގެ މެމްބަރުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަތަކުގެ ތެރޭގައި އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމާއި، ފްލެޓް ބެހުމާއި، ފައިސާގެ ބޮޑު އަދަދުތައް ނަގައި ވަކި ފަރާތްތަކަށް މަންފާ ހޯދައިދިނުމަށް ކުރީގެ ސަރުކާރު ތެރެއިން އަކްރަމް ކަމާލުއްދީނާއި ފައްޔާޒް އިސްމާއީލް ޖަރީމާތަކެއް ހިންގާފައިވެސް ވެއެވެ.
މިމައްސަލައާއި ގުޅިގެން އޭސީސީގެ ފަރާތުންވެސް އަދި ފައްޔާޒުގެ ފަރާތުންވެސް ރަސްމީ ބަހެއް ނުލިބެއެވެ. ފައްޔާޒު ކުރިން ވިދާޅުވެފައި ވަނީ އެމަނިކުފާނާއި ގުޅޭ ކޮރަޕްޝަން އެއްވެސް މައްސަލައެއް ނޯންނާނެއެވެ. އަދި ދުވަހަކުވެސް އެފަދަ އަމަލެއް ނުހިންގާ ކަމަށް ފައްޔާޒު ޔަގީންކަން ދެއްވައެވެ.
ކުރީ ސަރުކާރުގައި އުފެއްދި ކުންފުންޏެއްކަމަށްވާ އާރުޑީސީގެ އެކައުންޓަކުން، އެ ކުންފުނީގެ ވެރިއެއްގެ އެކައުންޓަކަށް 14 މިލިއަން ރުފިޔާ ވަދެފައިވާ މައްސަލައެއް ފެންމަތިވެގެން އެ މައްސަލަ ތަހުގީގުކުރަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުއެވެ. އެމައްސަލައިގައިވެސް ފައްޔާޒްގެ އަތެއް ވާކަމަށް ބުނެ ފުލުހަށް ހުށެހޅި މައްސަލައެއްގައި އޭނާ ޕޮލިހަށް ހާޒިރުކުރިކަން ފާހަގަ ކުރެވެއެވެ. ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ޚިޔާނާތްތެރިވިކަމަށް ބެލެވޭ ފައިސާ ކުރީ ސަރުކާރުގެ ބައެއް ވެރިންނާއި އެމީހުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށްވެސް ވަދެފައިވާކަން ތަހުޤީޤަށް ހާމަވެއެވެ.



