އުމުރުން ދުވަސްވެ މުސްކުޅިވުމުގެ ސަބަބުން ހަނދާންނެތޭ ބަލި ހުންނަ އެމެރިކާގެ ރައީސް ޖޯބައިޑަން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގަިއ ވާދަނުކުރަން ނިންމީ ޕާޓީގެ އެތެރޭގެ ޕްރެޝަރުތައް ބޮޑުވެ މަޤާމުން އިސްތިއުފާ ދިނުމަށް ޕްރެޝަރު ކުރަމުންދާތީ އެވެ.
މިދިޔަ ހަފްތާގައިވެސް، ކެންޑިޑޭޓަކީ ތިމަންނާއޭ ވިދާޅުވި ބައިޑަންއާ ދެކޮޅަށް ޑިމޮކްރެޓިކް ޕާޓީތެރޭގައި ވަރަށް ފާޅުކަން ބޮޑުކޮށް ކެމްޕޭނު ކުރަމުންދިޔަ ދަނޑިވަޅުގައި އެމަނިކުފާނުގެ ވިސްނުން މި ބަދަލުވީ މިފަހުން އޮތް އިވެންޓެއްގައި އާއިލީ މެމްބަރެއްގެ ނަންފުޅު ހަނދާން ނެތުމުގެ ސަބަބުން އިތުރަށް މައްސަލަ ގޯސްވެފައި ވަނިކޮށެވެ.
ބައިޑަން ކުރެއްވި އެކްސްގައި ވިދާޅުވީ މިހާރު ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން ރައީސް ކަމުގެ މަޤާމުގައި ދެމި ހުންނަވަން ބޭނުންވާ ކަމަށެވެ. މިގޮތަށް އޭނާ ވިދާޅުވީ، އިސްތިއުފާ ދެއްވުމަށް ޕާޓީތެރެއިން ބައެއް ނުފޫޒުގަދަ ފަރާތްތަކުން އޭނާއަށް ދެންނެވުމުންނެވެ.
ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދަނިކޮށް ބައިޑަންގެ މި ކުއްލި ނިންމުމަކީ ދުރާލާ ރާވާފައިވާ ކަމެއް ނޫނެވެ. ނޭޓޯގެ ސަމިޓުގެ އަރިމަތީގައިވެސް ބައިޑަން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކްގެ ކެންޑިޑޭޓަކީ އެނާ ކަމަށާ އަދި އޭނާ ނޫން މީހަކު ޑިމޮކްރެޓިކްގެ ފަރާތުން ވާދަނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އެފަހަރު ރަޝިއާ އަށް ޖެއްސުން ކުރުމުގެ ގޮތުން ޔުކްރޭނުގެ ރައީސް ޒެލެންސްކީއާއި ބައްދަލުކޮށް ދެއްކި ވާހަކަފުޅުގެ ތެރެއިންވެސް ޒެލެންސްކީއާއި ދިމާލަށް އޮޅިގެން ރައީސް ޕުޓިންއޭ ބައިޑަންއަށް ވިދާޅުވެވުނެވެ. އެދުވަހުވެސް ޓްރަމްޕް ބަލިވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެފަހުން އަދި މިވީ ހަފްތާއެކެވެ.
ސިއްހީ މައްސަލަތަކުގެ އިތުރުން ގޮތްދޫނުކުރުމާއި އަދި ސިކުނޑީގެ އުނިކަން ހުންނަ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ބައިޑަން މި ނިންމުން މިގޮތަށް ނިންމަން ޖެހުނީ ، އޭނާ ކުރިމަތިލައްވައިފިނަމަ ޓްރަމްޕް ބަލި ނުކުރެވޭނެކަމަށް އެނަލިސްޓުން ބުނަމުންދާއިރުއެވެ. ނަމަވެސް ޕާޓީތެރޭގައި އެންމެ ފަހުން ނެގި ޕޯލުން ދައްކާ ގޮތުގައި ދެބޭފުޅުންވެސް ވަނީ އެއްވަރު ވެފައެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން ނިންމި ބައިޑަން ރޭ ކުރެއްވި އެކުސްގައި ވިދާޅުވީ ، މިވަގުތު އޭނާގެ ފޯކަސް ހުރީ ޓުރަމްޕް ބަލިކުރުން ކަމަށާ، މިއީ އެންމެން އެކަތިގަނޑަކަށްވެ ޓްރަމްޕް ބަލިކުރަންވީ ފަހަރެވެ. އެހެންކަމުން އޭނާގެ ތާއީދު ނައިބުރައީސް ކަމަލާ ހެރިސްއަށް އޮތްކަން އިއުލާންކުރެއްވިއެވެ.



