
ދިވެހި ތާރީޚު މިހާތަނަށް ނުދެކޭ ފެންވަރަށް ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކޮށް، ކުޅިވަރަށް ބޮޑު އިންގިލާބެއް ގެނެސްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ޕެރިސް އޮލިމްޕިކްސް 2024" ދިވެހިރާއްޖޭގެ ދިދަ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކުޅިވަރު ވުޒާރާގެ ބަޖެޓުގައި ކުޅިވަރާއި ގުޅުންހުރި ވަސީލައްތައް އިތުރުކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާނެ ކަމަށާ އަންނަ އަހަރުގެ ބަޖެޓުގައި އެކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.
ނިމިދިޔަ ސަރުކާރުތަކުން ރާއްޖޭގެ ކުޅިވަރުތައް ސިޔާސީކޮށް، ކުޅިވަރުގެ އާއިލީފޯރި ގެއްލުވާލާފައިވާ މިދަނޑިވަޅުގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ގެންނަވާނީ ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ހެޔޮ ބަދަލެކެވެ. އަދި ކުރިޔަށް އޮތްތަނުގައި ދުނިޔޭގެ ކުޅިވަރު މުބާރާތްތަކުގައި ގިނަ އެތުލީޓުން ރާއްޖޭގެ ފަރާތުން ބައިވެރިވެ ޝަރަފްވެރި ވަނަތައް ހާސިލްކުރުން އެއީ އެމަނިކުފާނަށ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި ގައުމަށް އެ ރީތި ނަން ހޯދައިދިނުމަށްޓަކައި ކުޅިވަރު ތަރައްގީކުރުމަށް މިސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

" ސަރަހައްދީ ފެންވަރުގައާ ބައިނަލްއަޤްވަމީ މައިދާނުގައި އޮލިމްޕިކްސްއާ އެހެނިހެން މުބާރަތްތަކުގަ ރާއްޖޭގެ ފަރާތުން ގިނަ އެތުލީޓުންނަށް ބައިވެރިވުމަށްޓަކައި ރާއްޖޭގައި ލިބޭ ތަމްރީނާ ފުރުޞަތު އިތުރުކުރުމަށްޓަކައި ރާއްޖެއިން ބޭރުންވެސް ކުޅިވަރު ކުރިއެރުވުމަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެވޭނެގޮތަށް ތަރުތީބުކުރުމަކީ އަޅުގަނޑުމެންގެ ސިޔާސަތު." ދިވެހިންގެ ފަޚުރުވެރި ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި އޮތް ހާއްސަ ބައްދަލުކުރެއްވުމުގައި، އޮލިމްޕިކްސްގައި ބައިވެރިވާ 5 އެތުލީޓުންނަށްވެސް ހިތްވަރުދެއްވަމުން ދިވެހީންގެ ފަޚުރުވެރި ރައީސް ޑރ.މުއިއްޒު ވަނީ ރާއްޖެއަށް ގެނެސްދެވެން އޮތް އެންމެ ރީތި ނަމެއް ހޯދައިދެއްވުމަށް އެތުލީޓުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނަށް އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.



