މި އަހަރުގެ މިއަދާ ހަމައަށް 43 ޖެނެރޭޓަރު އަލަށް ގަނެ އެކި ރަށްރަށުގައި އިންސްޓޯލްކޮށްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯ އިންޓަވިއުއެއްގައި އެ ކުންފުނީގެ ޑިރެކްޓަރު އަހުމަދު އިބްރާހިމް ވިދާޅުވީ މި އަހަރު ފެށުނު އިރު ވަރަށް ގިނަ ރަށް ރަށުގައި ހުރި ކުންފުނީގެ ޖަނަރޭޓަރުތަކުގެ ޙާލަތު ހުރީ ރަނގަޅުކުރަން ޖެހި ރަށް ރަށުގެ ކެޕޭސިޓީވެސް އިތުރުކުރަން ޖެހިފައި ކަމަށެވެ. އަދި ވަރަށް ގިނަ ޖެނެރޭޓަރުތައް ހުރީ އޯވަހޯލް ކުރަން ޖެހިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ އައު މެނޭޖްމަންޓް ފެށުމާއެކު މިހާރުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަން ފެށިފައިވާ ކަމަށެވެ. އެގޮތުން ޖަނަރޭޓަރު ބޭނުންވާ ރަށްރަށަށް ޖަނަރޭޓަރު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދިޔަ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު 20 ރަށަކަށް އައު ޖަނަރޭޓަރު ފޮނުވިފައިވާ ކަމަށެވެ. އަދި ޖަނަރޭޓަރު ފޮނުވުނު ރަށް ރަށުގައި ކަރަންޓު އުފެއްދުމަށް ހުރި އުނދަގޫތައް ފިލުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ވަރަށް ގިނަ ރަށް ރަށުގެ އޯވަހޯލް ކުރުމާ އެހެން އިންޖިނިއަރިންގ މަސައްކަތްތަކެއް ވެސް ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.
އިބްރާހިމް ވިދާޅުވީ މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމި މިއަދާ ހަމައަށް ދިޔައިރު ކުންފުނިން އިތުރަށް 43 ޖަނަރޭޓަރު އަލަށް ގަނެ އެކި ރަށް ރަށުގައި އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް އައި އިރު ކުންފުނީގެ ޖަނަރޭޓަރުތަކުގެ ޙާލަތު ރަނގަޅު ކުރެވި ޖަނަރޭޝަން ކެޕޭސިޓީވެސް އިތުރު ކުރެވިފައިވާ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ މިހާރުވެސް ޖަނަރޭޓަރުތައް އިތުރަށް އޯވަހޯލް ކުރުމަށް ބޭނުންވާ ސްޕެއާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި އަހަރު އަލަށް ގަތުމަށް ކަނޑައަޅާފައިވާ ހުރި ޖަނަރޭޓަރުތައް ގެނައުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށާއި ދާއިމީ ގޮތެއްގައި އެކަންތައްތައް ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ދެވޭތީ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.



