އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް ޤައުމީ ރެކޯޑު ޢާއިޝަތު އުލްޔާ ޝާއިޤް އެއް މަސް ދުވަހުގެ ތެރޭގައި އައު ކޮށްފިއެވެ.
އުލްޔާ މި ރެކޯޑު އާކޮށްފައިވަނީ އޮސްޓްރޭލިއާގައި ކުރިއަށް ދިޔަ ދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ (ޔޫޑަބްލިއުއޭ) ވެސްޓް ކޯސްޓް ކްލަބް ނައިޓް ނަންބަރު 7 މީޓުގައި ވާދަކޮށްގެންނެވެ. އުލްޔާ މި ރޭސް ނިންމާފައިވަނީ 00:28:75 އިންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުންވެސް އާކޮށްފައިވަނީ އުލްޔާއެވެ. އެއީ މިދިޔަ މަހު އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބްރޭކާސް ބިގް ސްޕްލޭޝް ޖޫން 2024 މީޓްގައި 50 މީޓަރ ފްރީސްޓައިލް 00:28:81 އިން ފުރިހަމަކޮށްގެންނެވެ.
އުލްޔާއަކީ މި ހަފްތާގައި ފްރާންސްގެ ޕެރިހުގައި ފެށޭ އޮލިމްޕިކް ގޭމްސްގައި ފެތުމުގެ ކުޅިވަރުން ރާއްޖެ ތަމްސީލުކުރާ އެއް އެތްލީޓެވެ. އޭނާއާއެކު ސްވިމިން އިން އޮލިމްޕިކްސް އަށް ދާނީ މުޙައްމަދު އާން އެވެ.
މި ދެ ކުޅުންތެރިން އޮލިމްޕިކްސް އަށް ދިއުމަށް ކަނޑައަޅާފައިވަނީ ވޯލްޑް އެކުއަޓިކްސް އިން ކަނޑައަޅާފައިވާ ފެތުމުގެ ވަކި މުބާރާތްތަކެއްގައި ވާދަކުރި ދިވެހި ފެތުންތެރިންގެ ތެރެއިން އެންމެ މަތިން ވޯލްޑް އެކުއަޓިކްސް ސްވިމިންގ ޕޮއިންޓް ލިބިގެންނެވެ.



