ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 37 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ފަށައިފިއެވެ.
ކޯސް ފެށުމަށް އިއްޔެ އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަހްމާންއެވެ. މި ރަސްމިއްޔާތުގައި، ކޮލެޖުގެ ފެކަލްޓީތަކުގެ ވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިން އަދި ޓްރެއިނިންގ ކޯހުގެ މުދައްރިބުންނާއި ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަހްމާން ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ދަރިވަރަކު ވެސް ކޯހުން ފާސްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
37 ވަނަ އަސާސީ ތަމްރީނު ކޯހުގައި 48 އަންހެން ފުލުހުންނާއި 151 ފިރިހެން ފުލުހުންނާއެކު ޖުމުލަ 199 ފުލުހުން ވަނީ ބައިވެރިވެފައެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް، ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.



