ކައުންސިލް ބައި-އިލެކްޝަންތަކުގައި ވާދަކުރި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުންގެ ނަތީޖާ ނުކުން ގޮތާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް ބައި-އިލެކްޝަންތަކުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ކުރެއްވި ހިތްވަރާއި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިޚާބުގެ ނަތީޖާ ނުކުތް ގޮތަކާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރުމަށް މިހާރު ކުރެވޭ މަސައްކަތުގެ ތެރެއިން އެ ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމަށެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ބައި-އިލެކްޝަން ކާމިޔާބު ކޮށްފައިވަނީ ސަރުކާރުންނެވެ. 6 ގޮނޑިން 5 ގޮނޑި ޕީއެންސީގެ ޓިކެޓަށް ލިބުނު އިރު ބާކީ ގޮނޑި ލިބިފައިވަނީ ޕީއެންސީގެ މެމްބަރަކަށެވެ.
އިއްޔެގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއާއި އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުން ކުރިމަތިލިއިރު ޅ. އަތޮޅު ކައުންސިލް ރައީސް ކަމާއި ރ. ހުޅުދުއްފާރު ކައުންސިލް މެމްބަރުކަމާއި ޅ. ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީވެސް ކާމިޔާބު ކުރައްވާފައިވަނީ ސަރުކާރުންނެވެ.
އެމްޑީޕީން އަންނަނީ މިދިޔަ ރިޔާސީ އިންތިޚާބާއި 20 ވަނަ ރައްޔިތުންގެ މަޖިލިސްވެސް އެ ޕާޓީއަށް ނާކާމިޔާބުވި ސަބަބުތައް ދެނެގަތުމަށް ދިރާސާތައް ކުރަމުންނެވެ. އަދި އެ ޕާޓީއާމެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށްފަހު ޕާޓީ ބިނާކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.



