ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ދެ ޖަލު ހުކުމް ވެސް ހައިކޯޓުން ބާތިލުކުރުމާ އެކު އެމަނިކުފާނު މިނިވަންވެވަޑައިގެންފި އެވެ.
އާރަށުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ދެ ހުކުމެއް ވަނީ ކޮށްފަ އެވެ. އެއީ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތުގެ ކުށުގައި ހަތަރު އަހަރާއި މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް ޖަލަށް ލުމަށެވެ.
ޖުމްލަ 11 އަހަރުގެ އެ ޖަލު ހުކުމްތަކުން ޔާމީން މިނިވަންވެވަޑައިގަތީ އެމަނިކުފާނުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، މިއަދު ބޭއްވި ޝަރީއަތުގައި އަޑުއެހުމުގަ އެވެ.
އެ މައްސަލައިގައި ހައިކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ފުރަތަމަ ބާތިލުކުރީ ރިޝްވަތުގެ ކުށުގައި ކުރި ހަތަރު އަހަރުގެ ޖަލު ހުކުމުގެ ބައެެވެ. އެ ހުކުމް ބާތިލުކުރުމާ އެކު މަނީ ލޯންޑްރިންގެ ކުށުގެ އުންސުރުތައް ނެތިގެންދާނެތީ، ހަތް އަހަރުގެ ޖަލު ހުކުމް ވެސް ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ވަނީ މިރޭ އަމުރުކޮށްފަ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހުޒައިފާ މުހައްމަދު އަދި ފަނޑިޔާރު ހަސަން ޝަފީއު އެވެ.
މީގެ އިތުރުން އެ މައްސަލައިގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް ވެސް ބާތިލުކޮށް، އެ މައްސަލަ ވެސް އަލުން ބެލުމަށް ހައި ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.








