ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ނޭޕާލްގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޓީމު 3-0 އިން ރާއްޖެ ބަލިކޮށްފިއެވެ. ސޯޝަލް ސެންޓަރުގައި ކުޅުނު މި މެޗުގައި ރާއްޖޭގެ މައްޗަށް މީގެ ކުރިން ދެމެޗުންވެސް ބަލިވެފައިވާ ނޭޕާލް ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ. މިމެޗުން ރާއްޖެ ބަލިވިއިރު މީގެ ކުރިން ކުޅުނު ކްރިގިސްތާނު މެޗާއި އަވަށްޓެރި ލަންކާ މެޗުންވެސް ވަނީ ބަލިވެފައެވެ.

ފުރަތަމަ ސެޓުގައި ރާއްޖެ ނޭޕާލް އަތުން 16-25 އިން ބަލިވިއިރު، ދެވަނަ ސެޓުގައި ނޭޕާލުން ފަސޭހަކަމާއެކު ރާއްޖެ ބަލިކުރީ 9-25 އިން ނެވެ. އަދި ތިން ވަނަ ސެޓުގައި ވެސް ނޭޕާލުން މޮޅު ކުޅުމެއް ކުޅެފައި ވެއެވެ. އެސެޓުން ރާއްޖެ ބަލިވީ 10-25 އިން ނެވެ. މި މޮޅާއެކު ސެމީގެ ޖާގަ އެޓީމުން ކަށަވަރު ކުރީ ތިންވަނަ ޓީމުގެ ގޮތުގައެވެ. މި މޮޅަކީ ނޭޕާލަށް ލިބުނު މުހިންމު ކާމިޔާބެކެވެ. އެހެން ކަމުން މުބާރާތުގެ ސެމީ ފައިނަލްގައި ނޭޕާލު ވާދަ ކުރަން ޖެހޭނީ މިރޭ ސްރީލަންކާ އާއި ކިރްގިސްތާން ވާދަ ކުރާ މެޗުން ބަލިވާ ޓީމަކާއެވެ. މި މެޗުގެ ނަތީޖާ އާއި އެކު ރާއްޖެ އަށް ލިބެނީ ހަތަރު ވަނައެވެ. މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ވާދަ ކުރަން ޖެހޭނީ މިރޭގެ މެޗުން މޮޅުވެ އެއް ވަނަ ހޯދާ ޓީމާއި ދެކޮޅަށެވެ.