ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތަކުގެ ތެރެއިން ރިޝްވަތުގެ ކުށުގައި އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމްގެ ބައި ހައި ކޯޓުން ދެންމެ ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފި އެވެ.
ދިގުލައިގެން ގޮސްފައި އޮތް އިސްތިއުނާފުގެ މައްސަލައިގައި ހައިކޯޓުން އަޑުއެހުމެއް ބޭއްވީ މިއަދު އެވެ.
މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، 11 އަހަރަށް ޖަލަށްލުމަށް ޔާމީނަށް ހުކުމްކުރީ 25 ޑިސެމްބަރު 2022 ގައެވެ. އަދި ޔާމީންގެ ފަރާތުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރީ 21 ފެބްރުއަރީ 2023 ގައެވެ.
މިއަދުގެ އަޑުއެހުމުގައި ހައިކޯޓުން ނިންމީ އާރަށު މައްސަލައިގައި ޔާމީނަށް ކުރި ހުކުމްތަކުގެ ތެރެއިން 4 އަހަރުގެ ޖަލު ހުކުމުގެ ބައި ބާތިލުކޮށް، އެ މައްސަލަ އަލުން ބެލުމަށެވެ.
ބާކީ އޮތް ބަޔަކީ މަނީ ލޯންޑަރިންގެ ކުށުގައި ކުރި 7 އަހަރުގެ ޖަލު ހުކުމްގެ ބައެވެ.
މި މައްސަލައިގައި ޔާމީނަށް ރިޝްވަތު ދިން ކަމަށް ބުނެ ދައުލަތުން ދައުވާކުރި ޔޫސުފް ނައީމްގެ މައްޗަށް ކުރި ހުކުމުގައި ގޯސްކޮށް ހުރި ކަންކަން ފާހަގަކޮށް ހައިކޯޓުން ވަނީ އެ މައްސަލަ ވެސް އަލުން ބެލުމަށް ދަށު ކޯޓަށް އަނބުރާ ފޮނުވާލާފަ އެވެ.
އިސްތިއުނާފުގެ މައްސަލަ މިއަދު ވަކި ގޮތަކަށް ނިންމީ ހުކުމާ ހަމައަށް ގޮސްފައި އޮންނަތާ ހަތަރު މަސް ވީ ފަހުންނެވެ. އެ މައްސަލަ ދިގުލައިގެންދިޔަ ދިއުމަށް އިޝާރާތްކުރައްވައި، އެއީ ކޯޓުތަކާއި ޖޭއެސްސީގައި އިދިކޮޅު އެމްޑީޕީގެ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްަޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ހަމައެއާ އެކު އުންމީދުކުރައްވަނީ ޔާމީން މިނިވަންވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.








