އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 550 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 550 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލުބުނާނުގަިއ ހަރަކާތްތެރިވާ އީރާނުގެ ހަނގުރާމަވެރި ހަތިޔާރު އެޅި ފަރާތްތަކާއި އިޒްރޭލު ސިފައިންނާ ދެމެދުގައި ހިނގާ ކުރިމަތިލުންތައް ދިގުދެމިގެންދާއިރު އިއްޔެ ލުބުނާނުގައި ތިބި މިލިޝިއާތަކުން ވަނީ އިޒްރޭލަށް ގިނަ އަދަދެއްގެ ރޮކެޓްތައް ފޮނުވާލާފައެވެ.
ހުކުރު ދުވަހު އެކަނިވެސް 70 އަށްވުރެ ގިނަ ރޮކެޓް ހަމަލާތައް ލުބުނާނު ސަރަހައްދުން އިޒްރޭލަށް ފޮނުވިއެވެ.
އިޒްރޭލުން ލުބުނާނުގެ އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާިއ ގުޅިގެން ބޯޑަރު ސަރަހައްދުން އާންމުން ވަނީ ގެދޮރު ދޫކޮށް އެކި ތަންތަނަށް ހިޖުރަ ކޮށްފައެވެ.
މިހާރު އިޒްރޭލާއި ލުބުނާނުގައި ތިބި އީރާނުގެ މަދަދު ލިބޭ ހަނގުރާމަވެރިން ހަމަލާ ބަދަލުކުރަނީ މިފަހުން ހިނގާދިޔަ ޣައްޒާގެ ހާދިސާއާއި ގުޅިގެންނެވެ.



