ނިމިދިޔަ 19 ވަނަ މަޖިލީހުގެ މާޅިއްޔަތު ކޮމިޓީގައި އެކަނިވެސް 1600އެއްހާ މަސައްކަތް ނުނިމި އެބަހުރި ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
ށ. ފުނަދޫ އާއި މާއުނގޫދޫ އަދި ޅައިމަގު ހިމެނޭ ދާއިރާގެ މެމްބަރު ވިދާޅުވީ އެކަން އެނގުނީ މަޖިލީހަށް ވަނުމުން ކަމަށާ، ނިމިގެން ދިޔަ މަޖިލީހުން އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވުނު ކަމަކަށް އޭނާއަށް ގަބޫލެއް ނުކުރެއްވޭ ކަމަށެވެ.
އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހެއްގައި އެމީހުން ބޭނުންވާ ހުރިހާ ކަމެއް ކުރިއިރު ، ރައްޔިތުންނާއި ގުޅިފައިވާ ބޮޑެތި މައްސަލަތަކުގައި މަޖިލީހުން އަމަލު ކޮށްފައިވަނީ އެންމެ ރަނގަޅަކަށް ނޫނެވެ. ހާއްސަކޮށް މާލީ ކަންކަމުގައި އެމްޑީޕީގެ ސަރުކާރުންނާ އަދި އެމްޑީޕީގެ މެޖޯރިީ އޮތް މަޖިލީހުންވެސް ދިޔައީ ފާޅުކަން ބޮޑުކޮށް އިސްރާފް ކުރަމުންނެވެ.

ޕީޕީއެމް ޕީއެންސީން އެދިގެން ނިމިދިޔަ ހަފްތާގައި ހުއްޓުވާލި ވެލާނާ އެއާޕޯޓްގެ ވީއައިޕީ ލައުންޖުން މަޖިލިސް މެމްބަރުންނާއެކު ދަތުރުކުރާ ވަފުދުތަކާއި ފައުޖުތަކަށް ދައުލަތުގެ ބަޖެޓުން ކުރަމުންދިޔަ ބޭކާރު ހަރަދަކީވެސް އެމްޑީޕީ ސަރުކާރުން ކުރި އިސްރާފެއް ކަމުގައި ފާހަގަ ކޮށްލަން ޖެހެއެވެ.
ފުނަދޫ ދާއިރާގެ މެމްބަރު ވިދާޅުވީ، ރާއްޖެ މިވަގުތު އޮތް ހާލަތުގެ ސަބަބުން މިވަގުތަށް އެންމެ މުހިއްމު ކަމަކަށް އޮތީ ދަރަނީގެ ބިލާއި ފިޒްކަލް ޒިންމާގެ ބިލާއި ސޮވެރިން ޑިވެލޮޕމެންޓުގެ ބިލްގެ މަސައްކަތްތައް ނިންމުމެވެ.
ދައުލަތުގެ ދަރަންޏާބެހޭ ބިލަކީ ސަރުކާރުގެ ފަރާތުން، ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް ހުށަހަޅުއްވާފައިވާ ބިލެކެވެ.
މާލިއްޔަތު ކޮމިޓީގައި އޮތް ދައުލަތުގެ ދަރަނީގެ ބިލާއި ފިސްކަލް ރެސްޕޮންސިބިލިޓީ ބިލުގެ މަސައްކަތްތަކަށް ބަލާލާއިރު، މި ދެ ބިލުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. އެއީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހެޅުއްވުމަށް އޭދަދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ތާޢީދުކުރައްވައިގެންކަންވެސް ފާހަގަ ކޮށްލެވެއެވެ.



