އަހަރީ ފީއާއި ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުން ފައިސާ ދައްކަންޖެހޭ 60 މީހަކަށް ބަހާލައިގެން ފައިސާ ދެއްކޭގޮތަށް ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ފުރުޞަތަށް އެދުނު 125 މީހުންގެ ތެރެއިން 60 މީހުންނާއެކު މިހާރު އެއްބަސްވުން ހަދައި، ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުންނާއެކުވެސް އަވަހަށް އެއްބަސްވުން ހަދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިއީ ރައްޔިތުންނަށް ދެވުނު ވަރަށް ބޮޑު ލުޔެއް," ވަޒީރު ވިދާޅުވިއެވެ.
މި ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެއީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ގެޒެޓްކޮށްފައިވާ، އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރާ ގުޅޭގޮތުން ދައްކަންޖެހޭ އަހަރީފީއާއި ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކުމުގެ ޤަވާއިދުގެ ދަށުންނެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި އުސޫލުގެ ދަށުން ލުއިދީފައިވަނީ އަހަރީ ފީއާއި ޖޫރިމަނާގެ ގޮތުގައި 5,000 ރުފިޔާއަށްވުރެ މަތިން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ކަމަށެވެ. އަދި ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމުގައި، ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު ކަނޑައަޅަނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދެއްކި އަދަދު އުނިކުރުމަށްފަހު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާޠިލުކުރުމުގެ އިޚްތިޔާރު ވުޒާރާއަށް ލިބިގެންވާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން، ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހަކޮށްދިނުމަށްޓަކައި އުސޫލުތަކާއި ޤަވާއިދުތައް އިޞްލާޙުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. މި ފުރުޞަތަކީވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައިވާ ފަރާތްތަކަށް ޙައްލެއް ހޯދައިދިނުމަށް ގެނެވުނު ބަދަލެއްކަމަށް ވަޒީރު ވިދާޅުވިއެވެ.



