ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 20 އަހަރުން ދަށުގެ އަންހެން ވޮލީބޯލް މުބާރާތުގައި ރާއްޖޭ ކުޅުނު ދެމެޗުންވެސް ބަލިވެ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
ރޭ ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުގައި ސީދާ ތިންސެޓުން ރާއްޖޭގެ ޒުވާން ޓީމު ބަލިވިއިރު، މުބާރާތް ހުޅުވި މެޗުގައި ކްރިގިސްތާން އަތުން ބަލިވީވެސް އެއްވެސް ސެޓެއް ނުލިބިއެވެ.
ރޭގެ މެޗު ފަށައިގެން ރާއްޖެ ރަނގަޅަށް ކުޅުނު ނަމަވެސް މާގިނަ އިރެއްނުވެ ލަންކާ ވަނީ ކޮންޓުރޯލް ނަގާފައެވެ. ފުރަތަމަ ސެޓު ލަންކާއިން ކާމިޔާބުކޮށްފައިވަނީ 25-08 އިންނެވެ. ދެވަނަ ސެޓް 25-09 އިން ހޯދިއިރު ފަހު ސެޓު ލަންކާ ހޯދީ 16-25 އިންނެވެ.
މި މޮޅާއެކު ލަންކާ ވަނީ ކުޅުނު ދެމެޗުން ވެސް މޮޅުވެފައެވެ. އެއީ ފުރަތަމަ ނޭޕާލާއި ދެކޮޅަށް 3-1 ސެޓުން ކާޟިޔާބުކުރި މެޗާއި އެކީގައެވެ.
މިހާތަނަށް ސެޓެއް ނުލިބި އޮތް ރާއްޖެ ހޮނިހިރު ދުވަހު ހަވީރު ކުޅޭނީ ނޭޕާލާއި ދެކޮޅަށެވެ.



