ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމަށާއި އިގްތިސާދީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އަމާޒުކޮށްގެން ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ބައެއް ލޯކަލް ކައުންސިލްތަކުގެ ބަޖެޓަށް މާލަސްތަކެއް ނުވެ ދޫކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ. އެމަނިކުފާނު މިކަން އިއުލާން ކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ނާރެސް ޕޯޓަލް އާއި ކުރަނގި އެޕަރޭޝަންގެ ދެވަނަ ފިޔަވަހި އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ބޭނުންތަކަށް ފައިދާހުރި ގޮތެއްގައި ރައްދު ދިނުމަށް ކައުންސިލްތަކަށް ބާރު ދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ އިންތިޚާބުވެފައިވާ މަންދޫބުންނަށް އެމީހުންގެ މުޖުތަމައުތަކާ ގާތުން ގުޅިގެން އެމީހުންގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތް ހެދުން ކަމަށެވެ. މިކަމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ލޯކަލް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ އެވެ.
"އަޅުގަނޑު އިޢުލާންކޮށްފައިވާ ގޮތަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލާއި މިކަންކަން ކުރުމާއި އެކީގައި ރާއްޖެއަށް ޓޫރިޒަމްގެ ދާއިރާއިން މިލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ ބަޖެޓަށް ޖަމާވާގޮތައް އެނިންމި ނިންމުންވެސް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ އަޅުގަނޑުމެން ތަންފީޒުކުރަން ފަށާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އާމްދަނީ ބެހުމުގެ އިތުރުން، އެ ކައުންސިލްތަކުގެ އިހްތިސާސްގައި ފަޅުރަށްތައް ނެތް ކައުންސިލްތަކަށް މެދު މުއްދަތުގެ ޕްލޭނެއްގެ ތެރެއިން ވަކި ހަރަކާތްތަކެއް ދެނެގަނެ، މިފަދަ އެހީތެރިކަމެއް ލިބޭނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
އަދި ރަށްރަށުގެ ފަތުރުވެރިކަމުގެ ސިނާއަތުން ދައްކާ ޓެކްސްގެ ވަކި އިންސައްތައެއް ލޯކަލް ކައުންސިލްތަކަށް އަމާޒުކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރާވާފައިވާކަން ވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ. ރަށްރަށުގެ ފަތުރުވެރިކަމުގެ ދާއިރާއިން ދައްކާ ޓެކްސްގެ %10 ކައުންސިލްތަކަށް ލިބޭތޯ ހުށަހަޅައި، ޤާނޫނަށް އިސްލާހު ގެނައުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްކަތްތާ ބެހޭ ވުޒާރާއިން ވަނީ ފައްޓަވާފައެވެ.



