ޔަމަނުގެ ހޫޘީ ލީޑަރު އަބްދުލް މާލިކް އަލް ހޫޘީ ވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލާއި އިނގިރޭސިވިލާތުގެ 170 ބޯޓަކަށް އޭނާގެ ޖަމާއަތުން ހަމަލާ ދީފައިވާ ކަމަށް އިއުލާން ކުރައްވާފައެވެ.
އަލްހޫތީ ވިދާޅުވީ މި ހަމަލާތަކަކީ ޣައްޒާގައި ހަނގުރާމަ ކުރަމުންދާ އިސްރާއީލާއި އެގައުމުގެ އެކުވެރިންނާ ކުރިމަތިލުމަށް އެ ޖަމާއަތުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި އޮޕަރޭޝަންތަކަކީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ "ޤަތުލުއާންމުތަކާއި ޖަރީމާތަކުގެ" ބަދަލު ހިފުމެކެވެ.
އީރާނުގެ ތާއީދު އޮންނަ ޖަމާއަތެއް ކަމަށްވާ ހޫޘީން ވަނީ އިސްރާއީލާ ދެކޮޅަށް ކުރާ ފުޅާ ސަރަހައްދީ ހަނގުރާމައިގެ ހީވާގި ބައިވެރިޔަކަށް ވެފައެވެ. ހަމާސްއެކޭ އެއްފެންވަރަށް ހޫޘީންވެސް ގެންދަނީ އިސްރާއީލަށް ދެކޮޅުވެރިކަން ފާޅުކުރަމުންނެވެ. އަދި ރަތްކަނޑުގައާއި މެޑިޓަރޭނިއަން ކަނޑުގައި ފުޅާ ހަމަލާތަކެއް ދެމުންނެވެ.
އަލްހޫޘީގެ ވާހަކަތަކާ ގުޅޭ ގޮތުން އިސްރާއީލާއި އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ރިޕޯޓްކޮށްފައިވާ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގްވާމީ ޝިޕިން އަށް މުހިންމު ކޮރިޑޯއެއް ކަމަށްވާ ރަތް ކަނޑާއި ވަށައިގެންވާ ކަނޑުގެ ސަލާމަތާ މެދު ކަންބޮޑުވުންތަކެއް ވަނީ އުފެދިފަ އެވެ.
ހޫޘީން ވަނީ އެމީހުންގެ ހަމަލާތައް ވަރުގަދަކޮށް ރަތްކަނޑުން ޔަހޫދީ ބޯޓުތައް ފައްސާލާފައެވެ، ފާއިތުވި އަހަރުތަކުގައި ވިޔަފާރި އަދި އަސްކަރީ ބޯޓުތަކަށް ދިން ބައެއް ހަމަލާތަކުގައި އެމީހުން ވަނީ މައިން، ޑްރޯން، މިސައިލް ހަމަލާ ފަދަ ތަފާތު ގޮތްތައް ބޭނުންކޮށްފަ އެވެ.
އަލްހޫތީގެ ބަޔާނުގައި އަލިއަޅުވާލާފައިވަނީ މި ހަމަނުޖެހުން ބޮޑުވަމުންދާ ކަމާއި، އޭގެ އަސަރުތައް ފޯރާނީ ހަމައެކަނި ގާތް ސަރަހައްދަށް ނޫން ކަމަށާއި ދުނިޔޭގެ ވިޔަފާރިއާއި ސަލާމަތަށް ވެސް ކުރާނެ ކަމަށެވެ.



