ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ މިއަދު އައްޔަން ކުރައްވައިފިއެވެ. ހިލްމީ މިހާތަނަށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ، އައްޔަން ކުރައްވާފައި ވަނީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒަށް ސިފައިންގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުންނެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ އައްޔަނު ކުރައްވާ މަގާމުގެ ލިޔުން ހަވާކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ހިލްމީ، އައްޔަން ކުރައްވާފައި ވަނީ ކުރިން ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު ފުރުއްވަމުންގެންދެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ރިޓަޔަރ ކުރެއްވުމާ ގުޅިގެންނެވެ.
މީގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް ވެސް މިއަދު ވަނީ އައްޔަން ކުރައްވައިފައެވެ.








