ޣައްޒާގައި މިހާރު އިޒްރޭލުން ކުރަމުންދާ ހަނގުރާމައާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުގެ ޓެލްއަވީވްއަށް ރޭ ހަމަލާ ދީފިއެވެ.
ހަމަލާ ދީފައިވަނީ އެމެރިކާ އެމްބަސީގެ ބްރާންޗް އޮފީހެއް ހިމެނޭ ގޮތަށް ޑިޕްލޮމެޓިކް މިޝަންތަކެއް ހިންގާ ސެންޓްރަލް ޑިސްޓްރިކްޓެއްގައެވެ.
މި ހަމަލާގެ ސަބަބުން އުމުރުން 50 އަހަރުގެ ފިރިހެނަކު މަރުވެ، މަދުވެގެން ދިހަ މީހަކަށް އަނިޔާވެފައިވާ ކަމަށް އިޒުރޭލުގެ އިމަޖެންސީ އޮފިޝަލުންނާއި ފުލުހުން ބުނެއެވެ.
މިހަމަލާ ދީފައިވަނީ އެމެރިކާ އެމްބަސީގެ ބްރާންޗް އޮފީހާ ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ހުރި އެޕާޓްމަންޓަކަށެވެ. ނަމަވެސް، ޑިޕްލޮމެޓިކް މިޝަނަށާއި އެމެރިކާގެ އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް އެމެރިކާއިން ބުނެއެވެ.
ހޫތީގެ ތަރުޖަމާނު ޔަހްޔާ ސާރޭ’ އިއުލާން ކުރެއްވި ގޮތުގައި މި އޮޕަރޭޝަން ހިންގީ އިންޓަސެޕްޝަން ސިސްޓަމްތަކުން ސަލާމަތްވުމުގެ ގާބިލްކަން ހުރި އާ ޑްރޯން މޮޑެލްއެއް ބޭނުންކޮށްގެންނެވެ. އޭނާ ބުނީ އިޒްރޭލަށް ކުރިޔަށް އޮތްތާނގައިވެސް އިތުރު ހަމަލާ ދޭނެ ކަމުގައެވެ.



