މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގެ ވޯޓު ފޮށިތައް ބަހައްޓާ ތަންތަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފ. ބިލެތްދޫ ކައުންސިލްގެ ރައީސް، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާ މެންބަރު، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު އަދި ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ.
އީސީން މިއަދު ކުރި އިއުލާނުގައި ބުނީ މި އިންތިޚާބުތަކުގައި ވޯޓުލާ މަރުކަޒު ޤާއިމްކުރުމަށްޓަކައި، ވޯޓުލުމަށް ކަނޑައެޅިފައިވާ ސަރަޙައްދު އަދި ކައިރި ސަރަޙައްދަކުން އެކި ސަބަބުތަކާ ހުރެ އެއްވެސް ތަނެއް ހަމަޖެހިފައި ނުވާތީ، ވޯޓު ފޮށި ބެހެއްޓުމަށް އިއުލާނުކުރި ތަނާއި ގުޅިގެން ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުން އަދި އާންމު ރައްޔިތުންގެ ފަރާތުން ޝަކުވާތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ވީހާވެސް ކައިރިން ފަސޭހަކަމާއެކު ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ބައެއް ވޯޓު ފޮށިތައް ބަހައްޓާ ތަންތަން އިސްލާހުކޮށް، ވޯޓު ފޮށީގެ ނަންބަރާއި، ވޯޓު ފޮށީގެ ކޯޑު، ވޯޓު ފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަންތަން ވަނީ އާންމުކޮށްފައެވެ.
އީސީން ބުނީ މާދަމާ އޮންނަ އިންތިޚާބުތަކުގައި ވޯޓުލުމަށް ޖުމްލަ 25 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އިންތިޚާބުތަކުގައި ވާދަކުރައްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އާއި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ބޭފުޅުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ އެއް ބޭފުޅެކެވެ.
ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓުލާ ނިމޭތާ 30 މިނެޓުގެ ހުސް ވަގުތުކޮޅަކަށް ފަހު ވޯޓު ގުނަން ފަށާނެ ކަމަށް އީސީން ބުންޏެވެ.
މި އިންތިޚާބުތަކުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.



