އިސްލާމިސްޓް ހަނގުރާމަވެރިން އުޅޭ ނައިޖަރުގެ ހައި ސެކިއުރިޓީ ކައުޓޫކަލޭ ޖަލު ފަޅާލުމުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފި އެވެ.
މިމަހުގެ 11 ވީ ބުރާސްފަތި ދުވަހު ނައިޖަރުގެ ހައި ސެކިއުރިޓީ ޖަލު ފަޅާލުމުގެ ސަބަބުން ނައިޖަރުގެ އިންޓީރިއާ މިނިސްޓްރީން ވަނީ ފުޅާދާއިރާއެއްގައި އޮޕަރޭޝަނެއް ފަށާފައެވެ.
ފިލި ގައިދީންގެ އަދަދާއި ޖަލު ފަޅާލި ގޮތެއް ނައިޖަރު ސަރުކާރަކުން ނުބުނެއެވެ.
ނައިޖަރުގެ ވެރިރަށް ނިޔާމީގެ ހުޅަނގު އުތުރުން 50 ކިލޯމީޓަރު ދުރުގައި އޮންނަ ކައުޓޫކަލޭ ޖަލު ފަޅާލުމަށްޓަކައި 2016 އާއި 2019 ވަނަ އަހަރުވެސް އައިއެސްއިން މަސައްކަތްތައް ކުރިއެވެ. ނަމަވެސް އެކަން ނާކާމިޔާބުކޮށްފައިވާއިރު، އެ ޖަލުގައި އަލްގައިދާ، އިސްލާމިކް ސްޓޭޓް އަދި ބޮކޯ ހަރާމްގެ ހަނގުރާމަވެރިން ބަންދުކޮށްފައި ވެއެވެ.
ފިލައިގެން ދިއުމާ ގުޅިގެން ނައިޖަރު ސަރުކާރުން ވަނީ ޓިލަބެރީގައި ކާފިއުއެއް ތަންފީޒުކޮށްފަ އެވެ.
ނައިޖަރުގައި ހައްދުފަހަނައެޅި ހަނގުރާމަވެރިންގެ ނުރައްކާ ބޮޑުވީ 2012 ވަނަ އަހަރު އަލްގައިދާއާ ގުޅުން ހުރި ހަނގުރާމަވެރިން މާލީގެ ބައެއް ހިސާބުތަކުން ހިފެހެއްޓި ފަހުންނެވެ. މި ނުރައްކާ ބޮޑުވެ، އައިއެސް އާއި އަލްޤައިދާއާ ގުޅުން ހުރި ހަނގުރާމަވެރި ޖަމާއަތްތައް ހިމެނޭ ގޮތަށް އެކި ހަނގުރާމަވެރި ޖަމާއަތްތަކުން ހަމަލާތައް ދީ، ސަރަހައްދުގެ ހަމަޖެހުން ގެއްލިގެން ގޮސްފައިވެ އެވެ.
މިކަމުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، 3 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވެއެވެ. އިންސާނީ ދަތިކަމުގެ ސަބަބުން ދުނިޔޭގެ އެންމެ ފަގީރު ބައެއް ގައުމުތަކަށް ވަރަށް ބޮޑަށް އަސަރުކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާއި، ސިއްހީ ހިދުމަތް ލިބުން ވަރަށް ބޮޑަށް ދަތިވިއެވެ.
ފާއިތުވި އަހަރުތަކުގައި ނައިޖަރުން ވަނީ މި ޖަމާއަތްތަކާ ދެކޮޅަށް އަސްކަރީ މަސައްކަތްތައް ވަރުގަދަކޮށް، ބައިނަލްއަގްވާމީ ބާރުތަކާ ގުޅިގެން މަސައްކަތްކޮށްފަ އެވެ. މި މަސައްކަތްތައް ކުރި ނަމަވެސް ސަލާމަތީ ހާލަތު އަދިވެސް އޮތީ ނުރައްކާތެރި ހާލަތެއްގައެވެ. ހަނގުރާމަވެރި ޖަމާއަތްތަކުން ސަރަހައްދުގެ ފުޅާ ބިންތަކާއި ޕޯރަސް ބޯޑަރުތަކުގެ ބޭނުން ހިފައިގެން ހަމަލާތައް ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.



